ގްރީން ފައިނޭންސް: ޤައުމީ ތަރައްޤީއާއި އާންމު ދިރިއުޅުމުގެ މުސްތަޤުބަލު
ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަކީ ޤައުމުގެ އިޤްތިސާދުގެ މައިބަދައާއި ގުޅިފައިވާ އެންމެ މުހިންމު އެއް އަސާސެވެ. އެހެންކަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނުރައްކާ ހަމައެކަނި ތިމާވެއްޓަށް ހަނިވެފައެއް ނުވެއެވެ. އޭގެ ނޭދެވޭ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން ރައްޔިތުންގެ ވިޔަފާރިތަކަށާއި، ވަޒީފާގެ ފުރުޞަތުތަކަށާއި، ލިބޭ އާމްދަނީގެ އިތުރުން ދިރިއުޅުމުގެ ޢާންމު ޚަރަދުތަކަށްވެސް ދަނީ ފޯރަމުންނެވެ.
އެގޮތުން، މަސްވެރިކަމުގެ ސިނާޢަތަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖުލައި މަހަކީ މީގެ 41 އަހަރުކުރިން، 1985 ވަނަ އަހަރު ތަފާސްހިސާބުތައް ބަލަހައްޓަން ފެށި ފަހުން މަސްވެރިކަން އެންމެ ބޮޑަށް ދަށްވި މަހެވެ. 1998 އާއި 2023 އާ ދެމެދު އަހަރަކު އެވްރެޖްކޮށް 140,000 ޓަނުގެ މަސް ބޭނި ނަމަވެސް، 2024 ގައި މި އަދަދު ވަނީ 107,666 ޓަނަށް ވެއްޓިފައެވެ. މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2010 ވަނަ އަހަރަށް ފަހު އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މަހުގެ އެކްސްޕޯޓް އެންމެ ދަށަށް ވެއްޓިފައިވަނީ 2026 ވަނަ އަހަރުއެވެ.
ލާމު އަތޮޅުގެ މަސްވެރިން ފާހަގަކުރާ ގޮތުގައި އެން ހޯދުމަށް މިހާރު މާ ދުރަށް ދަތުރުކުރަން ޖެހެއެވެ. ދެކުނުގެ ބައެއް މަސްދޯނިތައް ކަނޑުމަސް ހޯދުމަށް ރާއްޖޭގެ މެދުތެރޭގެ ކަނޑުތަށް ހުރަސްކޮށް އުތުރުގެ އަތޮޅުތަކަށް ދަތުރުކުރާއިރު، އަނެއްބައި ދޯނިފަހަރު މަސްވެރިކަން ހުއްޓާލައި މުދާ އުފުލާ އުޅަނދުފަހަރަށް ބަދަލުކުރަމުންދާ ކަމަށް މޯލްޑިވްސް އިންޑިޕެންޑެންޓުގައި ރިޕޯޓްކޮށްފައިވެއެވެ. މަސްވެރިކަމަށް މިއަންނަ ބަދަލުތައް މިކަމުގެ ދިރާސާކުރާ ފަރާތްތަކުން ސީދާ ކަށަވަރުކޮށް ދީފައި ނުވި ނަމަވެސް ކަނޑުގެ މަތީ ފަށަލައިގެ ފެން ހޫނުވުމުގެ ސަބަބުން މަސްތައް ފުން ކަނޑުގެ ސަރަހައްދުތަކަށް ހިޖުރަކުރާ ކަމަށް ބެލެވެއެވެ.

މަސްވެރި އާއިލާތަކަށް ބަލާލާއިރު، ބޭނޭ މަސް މަދުވުމާއި ކުރަންޖެހޭ ދަތުރުތައް ދިގުވުމުގެ ނަތީޖާއަކީ ހަރަދު ބޮޑުވެ ލިބޭ އާމްދަނީ ދަށަށް ދިއުމެވެ. މީގެ އަސަރު މުޅި އިގްތިސާދަށް ވެސް ކުރެއެވެ. 2025 ވަނަ އަހަރު ރާއްޖޭގެ އެކްސްޕޯޓްގެ %93 އަކީ މަހުގެ އުފެއްދުންތަކެވެ. އެހެންކަމުން މަސްވެރިކަން ދަށްވުމަކީ ސީދާ އެކަމުގެ އަސަރު އިޤްތިސާދަށް ކުރާ ކަމެކެވެ.
މޫސުމީ ނުރައްކާތަކުގެ އަސަރު ރަށްފުށުގެ ދިރިއުޅުމުގެ އެހެން ދާއިރާތަކަށް ވެސް ފޯރައެވެ. ފައިތުވި 2025ވަނަ އަހަރު ޖެނުއަރީމަހު ކުރި ބޯ ވިއްސާރައިގެ ސަބަބުން މާލެއާއި ބައެއް ރަށްރަށުގައި ފެންބޮޑުވިއެވެ. އަދި 2026 ޖުލައިގައި މާލޭގެ ބޮޑުތަކުރުފާނު މަގަށް އުދައަރައި، އެމަގުގައި ހުރި ކެފޭތަކަށް ފެން ވަދެ ގެއްލުންތަކެއް ވަނީ ވެފައެވެ. ވިއްސާރާއިގެ ސަބަބުން ލިބޭ ގެއްލުން ކޮންމެ އަހަރަކުވެސް އިތުރުވަމުން އަންނަކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ރިޕޯޓްތަކުން ސާބިތުވެއެވެ.
މީގެ އިތުރުން، އިރުވައި މޫސުމުގައި ބައެއް ރަށްރަށަށް ފެނުގެ ދަތިކަން ކުރިމަތިވެއެވެ. ނޮޅިވަރަންފަރުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ފެންފަށަލަ ލޮނުވެފައެވެ. ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ %90 އަށް ވުރެ ބޮޑު ބައެއް އިމްޕޯޓްކުރަން ޖެހޭއިރު، ކާބޯތަކެތީގެ ރައްކާތެރިކަމަށްޓަކައި މީރުފެން ހިމާޔަތްކުރުމާއި ދަނޑުވެރިކަން ކުރިއެރުވުމުގެ މުހިންމުކަން ބޮޑެވެ.
ހަކަތަ އުފެއްދުމަށް ހިނގާ ޚަރަދަކީވެސް މިކަމުގައި ފާހަގަކޮށްލެވޭ މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެގޮތުން، ރާއްޖޭގެ ގިނަ ރަށްރަށުގައި ކަރަންޓްގެ ޚިދުމަތް އަދިވެސް ފޯރުކޮށްދެމުންދަނީ ރާއްޖެއަށް އެތެރެކުރާ ޑީސަލް އަންދައިގެންނެވެ. މަރުކަޒީ ބޭންކުގެ ހިސާބުތަކަށް ބަލާލާއިރު، 2025 ވަނަ އަހަރު ރާއްޖެއިން 710 މިލިއަން އެމެރިކާ ޑޮލަރުގެ ތެޔޮ އެތެރެކޮށްފައެވެ. މިއީ ޤައުމި އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ގާތްގަނޑަކަށް 9 އިންސައްތައެވެ. ތެލަށް މިހާބޮޑަށް ބަރޯސާވާން ޖެހުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ލޮޅުމެއްގެ ނޭދެވޭ އަސަރު ކަރަންޓުގެ ޚިދުމަތަށާއި، ދަތުރުފަތުރަށާއި، ވިޔަފާރިތަކުގެ އިތުރުން އާންމު ފަރުދުންގެ ދިރިއުޅުމުގެ ޚަރަދުތަކަށް ސީދާގޮތެއްގައި ފޯރައެވެ. އެހެންކަމުން، ރާއްޖެއަށް އެތެރެކުރާ ތެލުގެ މިންވަރު މަދުކުރުމަކީ ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން، ޤައުމުގެ އިޤްތިސާދީ ހަމަޖެހުމަށްޓަކައި ވެސް ކޮންމެހެން އިސްކަންދޭންޖެހޭ މުހިންމު ކަމެކެވެ.
މޫސުމީ ނުރައްކާ މާލީ ނުރައްކަލަކަށް ވެގެންދިއުން
މި ގޮންޖެހުންތަކުގެ ސަބަބުން ސީދާ މާލީ ގޮތުން ބޮޑެތި ލޮޅުންތަކެއް ކުރިމަތިވެއެވެ. އެގޮތުން، މަސްވެރިކަން ދަށްވުމުގެ ސަބަބުން ލޯނުތައް އަނބުރާ ދެއްކުމަށް ދަތިތަކާއި ކުރިމަތިލާންޖެހޭއިރު، ފެންބޮޑުވުން ފަދަ ކާރިސާތަކުގެ ސަބަބުން ވިޔަފާރިތަކަށް މާލި ބޮޑެތި ގެއްލުންތައް ލިބި، ކުއްލި ހަރަދުތައް އިތުރުވެގެން ދެއެވެ. މީގެއިތުރުން، ޢާންމު ޢާއިލާތަކުގެ އާމްދަނީއަށް އަސަރުކޮށް، މުސްތަޤްބަލަށް ނުވަތަ ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރުމުގެ ޤާބިލުކަން ކުޑަވެގެންދެއެވެ.
މިއީ ޕެންޝަން އޮފީހުގެ މަޤްޞަދުތަކާ ވެސް ސީދާ ގުޅިފައިވާ ނުހަނު މުހިންމު ކަމެކެވެ. ސަބަބަކީ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގެ މެންބަރުންގެ ތެރޭގައި ޤައުމުގެ އިޤްތިޞާދުގެ އެކި ދާއިރާތައް ތަމްސީލުކުރާ ގިނަ ޢަދަދެއްގެ މަސައްކަތްތެރިން ހިމެނޭތީއެވެ. އެ ފަރާތްތަކުގެ މުސްތަޤްބަލުގެ މާލީ ރައްކާތެރިކަން ކަށަވަރުވަނީ ވަޒީފާތަކުގެ ދެމެހެއްޓެނިވިކަމާއި، ވިޔަފާރިތަކުގެ ވިލުންވެރިކަމާއި، މުޖުތަމަޢުގެ އިޤްތިޞާދީ ހަމަޖެހުމުގެ މައްޗަށެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ މުޅި ޤައުމުގެ އިޤްތިޞާދަށާއި، ޕެންޝަން ފަންޑު އިންވެސްޓްކުރާ މާލީ ވެއްޓަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ މުހިންމު ހިރާސްތަކެކެވެ.
ގްރީން ފައިނޭންސްގެ މުހިންމުކަން
ގްރީން ފައިނޭންސްގެ މައިގަނޑު އަމާޒަކީ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމީ ނުރައްކާތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ހިންގޭ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަހިކޮށްދިނުމެވެ. ރާއްޖޭގެ ނިސްބަތުން ބަލާއިރު މީގެ މާނައަކީ، ރައްކާތެރި ބޯފެނުގެ ޚިދުމަތް ހަރުދަނާކުރުމާއި، އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް (ސޯލާ ޕެނަލް) ޤާއިމުކުރުމާއި، ރާއްޖޭގެ ރަށްތަކުގެ މީރުފެންފަށަލަ ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި އަދި ރާއްޖޭގެ ފަރުތައް ޙިމާޔަތްކުރުން ފަދަ މުހިންމު ދާއިރާތަކަށް އިންވެސްޓްމަންޓްތައް އަމާޒުކުރުމެވެ.
ގްރީން ކްލައިމެޓް ފަންޑާއި ޔޫ.އެން.ޑީ.ޕީގެ އެހީގައި ހިންގާ މަޝްރޫއެއްގެ ދަށުން، ރާއްޖޭގެ ބައެއް ރަށްރަށުގެ 105,000 އެއްހައި މީހުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކުރީގެ ފެނަކައިން ކުރިއަށް ގެންދިޔަ 'މަގޭ ސޯލާ' އަދި ސްޓެލްކޯއިން ކުރިއަށްގެންދާ މިދާއިރާގެ ޕްރޮގްރާމްތަކުން ގޭބިސީތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ނިޒާމުތައް ދަނީ ގާއިމުކުރަމުންނެވެ. މީގެ އިތުރުން، އެމް.އެމް.އޭ އާއި ޔޫ.އެން.ޑީ.ޕީ އަދި އޭ.އެކްސް.އޭ ކްލައިމެޓް ގުޅިގެން ވަނީ ފަރުތައް އިންޝުއަރ ކުރެވޭނެ ގޮތް ދިރާސާކޮށްފައެވެ. މިއީ ކަނޑުގެ ލޮނގަނޑުގެ ހޫނުމިން ކަނޑައެޅޭ މިންވަރަކަށްވުރެ މައްޗަށް ހިނގައްޖެ ޙާލަތެއްގައި، ފަރުތައް އިޔާދަކޮށް ދިރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން އޮޓޮމެޓިކުން ލިބިގެންދާނެ އީޖާދީ ނިޒާމެކެވެ.
މިފަދަ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދިގު މުއްދަތުގެ މާލީ އެހީތެރިކަމާއި، ހަރުދަނާ އުޞޫލުތަކާއި، ޙިކުމަތްތެރި އިންވެސްޓްމަންޓް ނިންމުންތައް ނިންމަން ޖެހެއެވެ. އަދި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ރިޕޯޓުކުރުމާއި، ހިންގުމުގެ ނިޒާމު (ގުޑް ގަވަރނަންސް) ހަރުދަނާކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށާއި ގްރީން ފައިނޭންސްގެ ދާއިރާ ރާއްޖޭގައި ފުޅާކުރުމަށް ކޮންމެހެން ބޭނުންތެރި އަސާސްތަކެކެވެ.
އާންމުންނާ ގުޅުންހުރި މަޝްވަރާއެއް
މި މައުޟޫއުތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް، ޕެންޝަން އޮފީހާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ނޮވެމްބަރު 14ގައި ޑުސިޓް ޑީ2 ފޭދޫ މޯލްޑިވްސްގަައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 13 ވަނަ ފައިނޭންސް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓް އަދި މާލީ ރައްކާތެރިކަން" މި މައުޟޫއަށެވެ.
ޕެންޝަން އޮފީހުގެ މަސްއޫލިއްޔަތުތަކާ މި މަޝްވަރާތަކާ ސީދާ ގުޅުން އެބައޮތެވެ. ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ހައިސިއްޔަތުން، ޕެންޝަން އޮފީހުގެ އަމާޒަކީ މެންބަރުންގެ މުސްތަގުބަލުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންވެސްޓްމަންޓް ޕޯޓްފޯލިއޯ އިތުރަށް ފުޅާކޮށް ސިންދަފާތު ކުރުމެވެ. މިގޮތުން، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަޝްރޫޢުތަކަށް އިންވެސްޓްކުރުމަށް މަގުފަހިކޮށްދޭ "ގްރީން ފައިނޭންސް" ގެ ދާއިރާއިން ފަހިވެފައިވާ އައު ފުރުޞަތުތައް ދެނެގަނެ، އެ ފުރުޞަތުތަކުގެ ބޭނުން ހިފުމަކީ މީގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް