ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް: ޚުޠުބާ
މާތް الله އިންސާނާއަށް ދެއްވާފައިވާ ގުނައި ޢަދަދުނުކުރެވޭހައި ގިނަގުނަ ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ އެކަލާނގެއަށް ޝުކުރުވެރިވުމުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" މި މައުޟޫޢަށެވެ.
ޚުޠުބާގައި ބުނި ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުމެވެ. މާތް ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުން ކަމަށާއި، އެއީ ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެއް ކަމުގައި ބަޔާންކުރިއެވެ.
ޝުކުރުވެރިވުމަކީ މާތް ނަބީބޭކަލުންގެ ވެސް މަތިވެރި ސިފަފުޅެއްކަން ފާހަގަކޮށް، އިބްރާހީމް ޢަލައިހިއްސަލާމާއި، ސުލައިމާން ޢަލައިހިއްސަލާމް އަދި މޫސާ ޢަލައިހިއްސަލާމް ފަދަ ބޭކަލުންގެ ޙަޔާތްޕުޅުން ޤުރުއާނުގައި ބަޔާންވެފައިވާ ޢިބުރަތްތެރި މިސާލުތައް ޚުޠުބާގައި އަލިއަޅުވާލާފައިވެއެވެ. އަދި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތުން ޚަދީޖަތުގެފާނުގެ ހެޔޮފުޅުކަން ހަނދުމަފުޅު ކުރެއްވި ގޮތާއި، މުޠުޢިމު ބުނު ޢަދިއްޔުގެ ޙިމާޔަތުގެ އަގު ވަޒަންކުރެއްވި ގޮތުގެ މައްޗަށް ވެސް ބަޔާން ދެއްވިއެވެ.
މީގެއިތުރުން، މާތް ﷲއަށް ޝުކުރުވެރިވުމުގެ އިތުރުން މީސްތަކުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުއަދާކުރުމަކީ ވެސް އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހުމިއްޔަތެއް ދީފައިވާ ކަމެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. ވަކިން ޚާއްޞަކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމާއި، މީހަކު ކޮށްދޭ ހެޔޮކަމަކަށް "ޖަޒާކަﷲ ޚައިރަން" ބުނެ ހެޔޮ ދުޢާކޮށްދިނުމަކީ ޝުކުރުވެރިވުމުގެ އެންމެ މަތީ ދަރަޖަކަން ޙަދީޘްފުޅުތަކުގެ އަލީގައި ފާހަގަކުރިއެވެ.
އަނެކާގެ އިޙުސާންތެރިކަމަށް ހެޔޮ ގޮތުގައި ބަދަލުދިނުމާއި، މީސްތަކުންނަށް ޝުކުރުކުރުމަކީ ﷲއަށް ޝުކުރުކުރުމާ ގުޅި ލާމެހިފައިވާކަމެއްކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ޞޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا يَشْكُرُ اللهَ مَنْ لَا يَشْكُرُ النَّاسَ) މާނައީ: "މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ، މާތް ﷲއަށް ޝުކުރުވެރިއެއް ނުވެއެވެ." ހެޔޮކަމެއް ކޮށްދޭ މީހާއަށް ޓަކައި ދުޢާކުރުމުގެ މަތިވެރިކަން ބަޔާންކުރައްވައި ރަސޫލާ ސޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ صُنِعَ إِلَيْهِ مَعْرُوْفٌ فَقَالَ لِفَاعِلِهِ: جَزَاكَ اللهُ خَيْرًا، فَقَدْ أَبْلَغَ فِي الثَّنَاءِ) މާނައީ: "މީހަކު އެހެން މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން، އެކަން ކޮށްދިން މީހާއަށް جَزَاكَ اللهُ خَيْرًا (ﷲ ތިބާއަށް ހެޔޮ ޖަޒާދެއްވާށި)އޭ ބުނެފި ނަމަ، ފަހެ، ހަމަކަށަވަރުން ޝުކުރުވެރިވުމުގެ އެންމެ މަތީ ދަރަޖައަށް އޭނާ ވާޞިލުވެއްޖެއެވެ."
ދިރިއުޅުމުގައި ޝުކުރުވެރިކަން ދެމެހެއްޓުމަށްޓަކައި، ދުންޔަވީ ކަންކަމުގައި ތިމާއަށް ވުރެ ދަށުގައިވާ މީހުންނަށް ބަލައި، ﷲ ދެއްވި ނިޢުމަތްތަކުގެ މަތިވެރިކަން ވަޒަންކުރުމަށް މިއަދުގެ ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ. އަދި އިސްރާފުކުރުމާއި ބޮޑާވުމުން ދުރުހެލިވެ، ހިތާއި ދުލާއި ގުނަވަންތަކުން މާތް ﷲއަށް ޝުކުރުވެރިވުމަށް ހުރިހާ މުސްލިމުންނަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް