ވާހަކަދައްކާ މީހަކީ ކިތަންމެ ނުބައިނުލަފާ މީހަކަށްވިޔަސް އިސްލާމްދީނުގައި އަންގަވަނީ ރިވެތި ބަހުން ބަސްބުނުމަށް: ޚުޠުބާ
މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ އިސްލާމް ދީނުގެ އަޚުލާޤީ އުޞޫލުތަކުގެ ތެރެއިން، ރިވެތި ޚުލްޤާއި، ކެތްތެރިކަމާއި، މަޑުމައިތިރިކަމާއެކު ބަސްމޮށުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ޚުޠުބާގައި ބުނި ގޮތުގައި، ކީރިތި ރަސޫލާ މުޙައްމަދު ﷺ ރަސޫލުކަމާއިގެން ފޮނުއްވުނީ މީސްތަކުންނަށް ރިވެތި އަޚުލާޤު ފުރިހަމަކުރެއްވުމަށެވެ.
اُمُّ الْمُؤْمِنِيْن عَائِشَة رَضِيَ الله عَنْهَاގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގައި، ރިވެތި އަޚުލާޤުގެ ދަރަޖައާއި ދަރުމަ އަންގަވައިދެއްވައިފައިވަނީ މި ފަދައިންނެވެ. (إِنَّ الْمُؤْمِنَ يُدْرِكُ بِـحُسْنِ خُلُقِهِ دَرَجَاتِ قَائِمِ اللَّيْلِ، صَائِمِ النَّهَارِ) މާނައީ: "ހަމަކަށަވަރުން މުއުމިނަކު އޭނާގެ ރިވެތި ޚުލްޤުގެ ސަބަބުން ރޭއަޅުކަންކޮށް، ސުންނަތް ރޯދަހިފުންމަތީ ދެމި ހުރި މީހެއްގެ ދަރަޖައަށް ވާޞިލުވެވޭނެއެވެ." އަދިވެސް ކީރިތި ރަސޫލާ ޞޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ شَيْءٍ أَثْقَلُ فِي الْمِيْزَانِ مِنْ حُسْنِ الْـخُلُقِ) މާނައީ: "ހެޔޮކަމުގެ މީޒާނުގައި ރިވެތި އަޚުލާޤަށް ވުރެ ބަރު އެއްވެސް އެއްޗެއް ނުވެއެވެ."
މިއާއެކު ޚުތުބާގައި ބުނީ، އިސްލާމީ އަޚުލާޤުގެ މުހިންމު ސިފަތަކުގެ ތެރޭގައި ކެތްތެރިކަމާއި ބަސްމޮށުމާއި މީހުންނާ މުޢާމަލާތުކުރުމުގައި އަދަބުވެރި ރިވެތި ގޮތް ހިފުން ހިމެނޭ ކަމަށެވެ.
އެގޮތުން ކެތްތެރިކަމުގެ މާތްކަމަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ، ދުންޔަވީ ޙަޔާތުގައި ޞިއްޙަތާއި ތަނަވަސްކަމާއި އަމާންކަން ބަދަލުވެ، ދަތި ޙާލަތްތަކާ ކުރިމަތިވުމީ މާތް ﷲ ގެ އިމްތިޙާނުތައް ކަމަށާއި، އެ ޙާލަތްތަކުގައި ކެތްތެރިވެ ރިވެތި އަޚުލާޤީ ސިފަތައް ދޫކޮށްނުލުމަށް ޚުޠުބާގައި ގޮވައިލެއްވިއެވެ. ދަތި ޙާލަތެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެހެން މީހުންނާ ދޭތެރޭ ކުށްހީކޮށް ހިތް ނުބައިކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ބަޔާންކުރެއްވިއެވެ.
އިސްލާމްދީނަކީ އެންމެ މާތް ދީންކަމުގައިވީ އިރު އިސްލާމީ ބައެއް މުޖުތަމަޢުތަކުން މިއަދު މި ފެންނަ އަޚުލާޤީ މިންގަނޑުން ދަށް، ނޭދެވޭ ސިފަތަކަކީ އެ މާތް ދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިކުރުވައިފާނޭކަމެކެވެ. އިސްލާމް ދީނަކީ މީހުންނާ މުޢާމަލާތުކުރުމުގައި ވެސް ރިވެތި އަޚުލާޤު އިސްކުރާ ދީނެވެ. ބަސްމޮށުމުގައި ވެސް މެއެވެ. ތިމާ އެ މީހަކާ މުޚާޠަބުކޮށް ވާހަކަދައްކާ މީހަކީ ކިތަންމެ ނުބައިނުލަފާ މީހަކުކަމުގައިވީ ނަމަވެސް އިސްލާމްދީނުގައި އަންގަވަނީ މަޑުމައިތިރިކަމާ އެކު ރިވެތި ބަހުން ބަސްބުނުމަށެވެ.
އެގޮތުން ބަސްމޮށުމުގައި މަޑުމައިތިރިކަން އިސްކުރުމުގެ ނަމޫނާއެއްގެ ގޮތުން، މާތް ﷲ މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ފޮނުއްވި ހިނދު މަޑުމައިތިރި ބަހުން ވާހަކަދެއްކެވުމަށް އެންގެވިކަން ޚުތުބާގައި ފާހަގަކުރިއެވެ.
أَنَس رَضِيَ اللهُ عَنْهُ ވިދާޅުވެފައި ވެއެވެ. "ތިމަންކަލޭގެފާނު ނަބިއްޔާ ސޢވގެ ޚިދުމަތުގައި ދިހަ އަހަރު އުޅުއްވީމެވެ. މާތް ﷲ ގަންދީ ވިދާޅުވަމެވެ. ތިމަންކަލޭގެފާނާ ދިމާލަށް ދުވަހަކު ވެސް ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ވިދާޅުވެފައެއް ނުވެއެވެ. ތިމަންކަލޭގެފާނު ކުރެއްވި ކަމެއް ކުރެއްވީ ކީއްވެތޯ އަދި ނުކުރައްވާ ކަމެއް ނުކުރެއްވީ ކީއްވެތޯ ވެސް އައްސަވައިފައެއް ނުވެއެވެ." ވީމާ އަހަރެމެންގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންނާ ނުވަތަ މުވައްޒަފުންނާ މެދު އަހަރެމެން މުޢާމަލާތުކުރާ ގޮތާ މެދު ވިސްނައިލާށެވެ!
ޚުޠުބާ ނިންމާލަމުން ބުނީ، ޤައުމެއް ޙަޤީޤީ މާނައިގައި ކުރިއެރުމަށް މާއްދީ ތަރައްޤީގެ އިތުރުން އަޚުލާޤީ ރިވެތި ސިފަތައް ވެސް ނުހަނު މުހިންމު ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް