ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންނަ އިޞްލާޙުތަކާއި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އާ ގޮންޖެހުންތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން، އެމަނިކުފާނުގެ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "މައި ޑޭ، މައި ރައިޓްސް، މައި ފިއުޗަރ" ނުވަތަ "މަގޭ ދުވަސް، މަގޭ ޙައްޤު، މަގޭ މުސްތަޤްބަލް" އެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އެކުދިންގެ ދިރިއުޅުމާ ގުޅޭގޮތުން ނިންމާ ނިންމުންތަކުގައި އެކުދިންގެ އަޑު އެހުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. އަނިޔާއިން ކުދިން ސަލާމަތްކުރުން ހަރުދަނާކުރުމާއި، ޢާއިލީ މާޙައުލެއްގައި ކުދިން ބަލާބޮޑުކުރުމުގެ ފުރުޞަތު ފުޅާކުރުމުގެ އިތުރުން، ޞިއްޙީ ޚިދުމަތްތަކާއި ޝާމިލު ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ތެރަޕީގެ ޚިދުމަތްތަކާއި އިޖުތިމާޢީ ރައްކާތެރިކަމުގެ އިތުރުން ރިހެބިލިޓޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، ކުއްޖާގެ އުމުރުގެ ކޮންމެ މަރުޙަލާއެއްގައިވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ރާއްޖެއިން ކާމިޔާބުކަމާއެކު ތަންފީޛުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، ކުޑަކުދިންނަށް ޙަޤީޤީ ކުރިއެރުމެއް ލިބޭނީ ހަމައެކަނި އެކުދިންނަށް އަމާޒުކޮށްގެން ސިޔާސަތުތައް އެކުލަވާލުމަކުން ނޫނެވެ. އޭގެ ބަދަލުގައި، އެކުދިންގެ ތަޖުރިބާތަކުގެ އަޑުއަހައި، އެކުދިންގެ ވިސްނުންތަކަށް އިޙްތިރާމްކޮށް، އެކުދިން ވާރުތަވާން އޮތް މުސްތަޤްބަލު ބިނާކުރުމުގައި އެކުދިން ބާރުވެރިކުރުވުން ކޮންމެހެން މުހިންމެވެ.
ކުޑަކުދިން އެދޭ ފަދަ އުޖާލާ މުސްތަޤްބަލެއް ބިނާކޮށްދިނުމަށްޓަކައި ބޭނުންވާ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދިނުމުގެ ޢަޒުމް އައުކުރުމަށް، ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހި އެންމެހައި ރައްޔިތުންނަށް ގޮވާލައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް