ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ އަޣުލަބިއްޔަތުން، ރިވެތި ގޮތުގައި މަޝްވަރާކުރެވުނު: އިޔާޒް
އަދާލަތު ޕާޓީން އެހާރާއި މިހާރުގެ ނިންމުންތައް ވެސް ނިންމަނީ މަޝްވަރާގެ ރިވެތި އުސޫލުން މެންބަރުންގެ ޚިޔާލާއި މަޖިލިސްތަކުގެ އަޣްލަބިއްޔަތުން ކަމުގައި އެ ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.
އިޔާޒް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އިޔާޒް މިފަދަ ޕޯސްޓެއް ކުރެއްވީ މި ސަރުކާރުގައި ބައިވެރިވާން ނިންމާ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް މުޢިއްޒަށް ތާއީދު ކުރުމަށް އަދާލަތުން ނިންމި ނިންމުމާއި މެދު އެ ޕާޓީގައި ހިޔާލުތަފާތުން އުފެދިފައިވަނިކޮށެވެ. އެ ނިންމުމާއިމެދު ހިތްހަަމަނުޖެހި ބައެއް މެންބަރުން ދަނީ އެ ޕާޓީން ވަކިވަމުންނެވެ. އޭގެ ތެރޭގައި ޕާޓީގެ ބައެއް އިސް ބޭފުޅުންވެސް ހިމެނެ އެވެ. ބައެއް އިލްމުވެރީން ވެސް ހިމެނެ އެވެ.
އިޔާޒް ވިދާޅުވީ އަދާލަތު ޕާޓީން އެހާރާއި މިހާރުގެ ނިންމުންތައް ވެސް ނިންމަނީ މަޝްވަރާގެ ރިވެތި އުސޫލުން މެންބަރުންގެ ޚިޔާލާއި މަޖިލިސްތަކުގެ އަޣްލަބިއްޔަތުން ކަމަށެވެ. އަދި ކޮންމެ ކަމަކީ، އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެ ކަމަށާ އެހެންކަމުން އަޣްލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް އިޙްތިރާމް ކުރަން ވާނެ ކަމުގައި ވިދާޅުވި އެވެ.
މިއީ އަދާލަތުން ވަކިވާ މެންބަރުންނަށް އަމާޒުކޮށް އިޔާޒް ވިދާޅުވި ވާހަކައެއް ކަމަށް ބެލެވެ އެވެ.
އޭގެ ފަހުން އޭނާ ވަނީ ދީނާއި ޤައުމުގެ ޙައްޤުގައި ބަސްބުނެ ޢަމަލުކުރަންޖެހުނު ކޮންމެ ވަގުތެއްގައި ފަސްޖެހުމެއްނެތި ޢަދާލަތު ޕާޓީ ބަދަހި ކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޕާޓީގެ މެންބަރުންނަށް ދޭ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަދާލަތުގެ ނިންމުމާއިމެދު އެ ޕާޓީގެ ބައެއް އިސް ބޭފުޅުންވެސް ސުވާލު އުފައްދަ އެވެ. އަދާލަތު މިހާރު އޮތީ ވަރަށް ޒުވާން ލީޑާޝިޕެއްގެ ބެލުމުގެ ދަށުގަ އެވެ. ސިޔާސީ ތަޖުރިބާ މަދު ބޭފުޅުންކޮޅެއް އިސްކޮށް ތިއްބެވިއިރު އެ ޕާޓީގައި ދުވަސްވީ އަދި ޕާޓީގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވަނީ މިވަގުތު އަދާލަތުން ވަކިވުމަކީ ޤައުމީ ވާޖިބެއް ކަމުގައި ވިދާޅުވެ ޕާޓީން ވަކިވެފަ އެވެ.
އަދާލަތުގެ ރައީސް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އެންމެ ފަހުން ހުންނެވި ދައުރުން ފެށިގެން އަދާލަތަށް ތާއީދު ދިޔައީ ފަނޑުވަމުންނެެވެ. ވަރަށް ގިނަ އަދަދެއްގެ އިލްމުވެރީން ނިސްބަތްވި އެ ޕާޓީއަކީ ކުރީން ރައްޔިތުންގެ ބޮޑު ތާއީދަކާއި އިތުބާރެއް އޮތް ޕާޓީ އެކެވެ. އެ ޕާޓީގައި މިދިޔަ އަހަރާއި ހަމައަށް 10،000 މެންބަރުން ހަމަވީނަމަވެސް މިހާރު އެ ޕާޓީގައި ތިބީ 5،000 މެންބަރުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް