ހުކުމް އިއްވި ޕްރިންސިޕަލް- ފޮޓޯ/ ރޮއިޓާސް
ހުކުމް އިއްވި ޕްރިންސިޕަލް- ފޮޓޯ/ ރޮއިޓާސް
ދުނިޔެ 20 Nov 2026 | 13:19

އިންޑޮނީޝިއާގެ ޑޭކެއާ ސެންޓަރެއްގެ ޕްރިންސިޕަލް، ކުޑަކުދިންނަށް އަނިޔާކުރިކަން ސާބިތުވެ ފަސް އަހަރަށް ޖަލަށް

އިންޑޮނީޝިއާގެ ޔޮގްޔަކާޓާގައި ހިންގި ލައިސެންސް ނެތް ޑޭކެއާ ސެންޓަރެއްގައި ކުޑަކުދިންނަށް އަނިޔާކޮށް އިހުމާލުވި މައްސަލައިގައި އެ ތަނުގެ ކުރީގެ ވެރިޔާ އަނީތާ ޕަލޫޕީ އިންދާސާރީއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ލިޓްލް އަރީޝާ ނަމަކަށް ކިޔާ މި ސެންޓަރަށް މި އަހަރުގެ އެޕްރީލް މަހު ފުލުހުން ވަތް އިރު، ކުޑަކުދިންގެ އަތާއި ފައި އައްސައި ބަނދެފައި ތިބި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލައިގައި މުޅި އިންޑޮނީޝިއާގައި ވަރަށް ބޮޑު ނުތަވަސްކަމެއް އުފެދި، ޤައުމުގެ އެކި ހިސާބުތަކުގައި ހުރި ޑޭކެއާ ސެންޓަރުތައް ބެލުމުގެ މަސައްކަތް ފެށުނެވެ. ގިނަ ތަންތަނަކީ އެކަށީގެންވާ ހުއްދައެއް ނެތި ހިންގަމުން އައި ތަންތަން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހު ޔޮގްޔަކާޓާގެ ފަނޑިޔާރު ސޫނާރިޔާންޓޯ ކުރެއްވި ހުކުމުގައި ބުނީ ކުޑަކުދިންނަށް ތަކުރާރުކޮށް އަނިޔާ ކުރުމަށް އަނީތާ ފުރުސަތު ދީފައިވާ ކަމަށެވެ.

އެކުށުގެ އަދަބެއްގެ ގޮތުން، ޖޫރިމަނާގެ ގޮތުގައި 510 މިލިއަން ރުޕީ (27,900 ޑޮލަރު) ދެއްކުމަށް ވެސް ހުކުމުގައި އަމުރުކޮށް، ޖޫރިމަނާ ނުދެއްކައިފި ނަމަ މިލްކިއްޔާތު ސީޒުކޮށް ނީލަމުގައި ވިއްކާނެ ކަމަށް ފަނޑިޔާރު އެންގެވިއެވެ.

ނަމަވެސް ޕްރޮސެކިއުޓަރުން ހުށަހެޅީ 10 އަހަރުގެ ޖަލު ހުކުމެއް ކަމުން، އެންމެ ފަސް އަހަރުގެ ހުކުމެއް ލިބުން ބައެއް ޢާއިލާތަކުން ދެކެނީ ނުރަނގަޅު ގޮތެއް ކަމަށެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް ވަޑައިގެންނެވި ބެލެނިވެރިޔާ ޓްރީ ސޫސީލާވާތީ، ޕްރޮސެކިއުޓަރުންގެ ކިބައިން އެދިވަޑައިގެންނެވީ ހުކުމް އިސްތިއުނާފް ކުރުމަށެވެ.

މީގެ އިތުރުން ސެންޓަރުގައި މަސައްކަތް ކުރި 11 މުވައްޒަފަކަށް ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމްތައް ވަނީ އިއްވައިފައެވެ. ޕްރޮސެކިއުޓަރުން ކޮންމެ މުވައްޒަފަކަށް ފަސް އަހަރުގެ ހުކުމެއް ހޯދަން އެދުނެވެ. ލިޓްލް އަރީޝާ ފައުންޑޭޝަންގެ ޗެއާޕާސަން ދިޔާ ކޫސޫމާސްތޫތީއަށް ހުކުމް އަދި ނީއްވައެވެ. ޕްރޮސެކިއުޓަރުން އެދެނީ އެ މީހާއަށް 10 އަހަރުގެ ޖަލު ހުކުމަކާއި 900 މިލިއަން ރުޕީގެ ޖޫރިމަނާއެކެވެ.

ކުރީގެ މުވައްޒަފެއް ހުށަހެޅި ޕޮލިސް ރިޕޯޓާ ގުޅިގެން އެޕްރީލް މަހު ފުލުހުން ހިންގި ރެއިޑުގައި، ސެންޓަރުގައި ތިބި 103 ކުއްޖެއްގެ ތެރެއިން 53 ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ލަފާކޮށްފައިވެއެވެ. ފޮޓޯތަކުން ކުދި ކޮޓަރިތަކެއްގައި 20 ކުދިން ތޮއްޖައްސާފައި ތިބި މަންޒަރު ފެނިފައިވެއެވެ. ރެއިޑަށް ފަހު އެ ސެންޓަރު ވަނީ ބަންދުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް