ޙޫޘީންގެ މިސައިލް ހަމަލާއެއް ރިޔާޛްގެ އެންމެ އުސް ޓަވަރަށް އަރައި ގެއްލުންތަކެއް
އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ޙޫޘީ ޖަމާޢަތުން ފޮނުވާލި މިސައިލެއް ސަޢޫދީ ޢަރަބިއްޔާގެ ސޮވެރިން ވެލްތު ފަންޑުގެ މައި އިދާރާ ހުންނަ ރިޔާޛްގެ އެންމެ އުސް ޓަވަރަށް އަރައި، ޢިމާރާތުގެ ބައެއް ފަންގިފިލާތަކަށާއި ކައިރީގައި ހުރި ޢިމާރާތްތަކަށް ގެއްލުން ލިބިއްޖެއެވެ.
ސަޢޫދީގެ ދައުލަތުގެ ނޫސް އެޖެންސީ އެސްޕީއޭ ރިޕޯޓުކުރި ގޮތުގައި، ރިޔާޛްގެ މާލީ ސަރަޙައްދުގައި ހުންނަ ޓަވަރަކަށް ޙޫޘީންގެ ހަމަލާދިނުމުގެ ސަބަބުން އިމާރާތައް ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. ސިވިލް ޑިފެންސުގެ ބަޔާނުގައި ޓަވަރުގެ ނަން ބުނެފައި ނުވި ނަމަވެސް، އެ ބަޔާނާ އެކު އެސްޕީއޭ ޝާއިޢުކުރި ފޮޓޯއިން ފެންނަނީ ޕީއައިއެފް ޓަވަރެވެ. ހަމަލާގެ ސަބަބުން ޢިމާރާތުގެ ބޭރު ފާރާތުގެ ދަގަނޑު ބައިތައް ލެނބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މައްސަލައާ ބެހޭ ގޮތުން މަޢުލޫމާތު އެނގޭ ތިން ފަރާތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ޓަވަރަށް އެރީ ޙޫޘީންގެ މިސައިލެކެވެ. ހަމަލާއަށް ފަހު ކިންގް ޢަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓް ޒިޔާރަތްކުރާ ފަރާތްތަކަށް ބަންދުކުރިއެވެ.
މިއީ ދެ ހަފުތާ ތެރޭ ރިޔާޛްގެ މާލީ ސަރަޙައްދުގައި ހުންނަ ފާހަގަކޮށްލެވޭ ޢިމާރާތަކަށް ޙޫޘީންގެ ހަމަލާ އެރި ދެވަނަ ފަހަރެވެ. ނޮވެމްބަރު 8 ގައި ދައުލަތުގެ ތެޔޮ ކުންފުނި އެރަމްކޯގެ ޢިމާރާތަށް ވެސް ހަމަލާ އެރިއެވެ. ޙޫޘީންގެ ފަރާތުން ބުރާސްފަތި ދުވަހު ބުނީ ރިޔާޛްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ދެކުނުގެ ޚަމީސް މުޝައިޠް އެއާބޭހާއި އިރުމަތީ ޖުބައިލުގައި ހުންނަ ސާދާފް ޕެޓްރޯކެމިކަލް ކުންފުންޏަށް ވެސް ހަމަލާ ދިން ކަމަށެވެ. ނަމަވެސް އެ ހަމަލާތައް ސަޢޫދީން ކަށަވަރެއް ނުކުރެއެވެ.
ސަޢޫދީ ޚާރިޖީ ވުޒާރާއިން ބުނީ ޤައުމުގެ ސިޔާދަތާއި ރައްޔިތުންނާއި ޤައުމީ މުދާ ހިމާޔަތްކުރުމަށް "ބޭނުންވާ ހުރިހާ ފިޔަވަޅެއް" އެޅުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.
އެމެރިކާ-އީރާން ހަނގުރާމައިގެ ތެރެއިން ޖުލައިގައި ޔަމަނުގެ ދާޚިލީ ހަނގުރާމަ އަލުން ފެށުނު ފަހުން ޙޫޘީން ގެންދަނީ ސަޢޫދީ ތެޔޮ ވަސީލަތްތަކާއި ވައިގެ ބަނދަރުތަކަށް ހަމަލާ ދެމުންނެވެ.
ހަނގުރާމައިގައި ޙޫޘީން ވަނީ ޔަމަނުގެ މުޅި ރަތް ކަނޑުގެ އައްސޭރިފަށާއި ސްޓްރެޓީޖިކް ބާބު އަލް މަންދެބް ކަނޑުއޮޅި ހިފައި، ވަގުތީ ވެރިރަށް ޢަދަނާ، ތަޢިޒް ވަށާލައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް