ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ
ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މައުޟޫޢަށެވެ.
ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. ނަމަވެސް މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށް ގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ޚުތުބާގައި ބަޔާންކުރިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ކުދިންނަށް ދެވޭ ތަޢުލީމު ކަމަށް ޚުތުބާގައި ބުންޏެވެ.
ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށާއި، އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވަނީ މައިންބަފައިން ދޭ ތަޢުލީމާއި ތަރުބިޔަތުން ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ. މިގޮތުން ކުދިން ބޮޑެތިވަމުން އަންނައިރު، މައިންބަފައިންނަށް ކިޔަމަންތެރިވުމަށާއި، ގާތްތިމާގެ މީހުންނަކީ ކޮބައިކަން ބުނެދީ، އެމީހުންނާ ގުޅުން ބަދަހިކުރަން ދަސްކޮށްދޭން ޖެހޭނެ ކަމަށް ބުންޏެވެ.
އިސްލާމްދީނުގައި ރަޙިމުގެ ގުޅުމަށް ދެއްވާފައިވާ ޚާއްޞަ އަހައްމިއްޔަތުކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ، މި ގުޅުމަށް ނަންދެއްވާފައިވަނީ ވެސް މާތް الله ގެ އިސްމުފުޅު "الرَّحْمَـٰن" އާ ގުޅުވައިގެން ކަމަށެވެ. އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލައްވާ ކަމެއް ކަމަށް ކީރިތި ރަސޫލާގެ ޙަދީޘްފުޅުން އެނގެން އޮތް ކަމަށް ވެސް ބުންޏެވެ.
ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމުގެ ނުބައިކަމާ ގުޅޭގޮތުން ޚުތުބާގައި ބުނީ، އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ނުރައްކާތެރިކަމެކެވެ. އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ކަމާ ގުޅޭ ގޮތުން މާތް ނަބިއްޔާ ޞޢވގެ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا يَدْخُلُ الْجَنَّةَ قَاطِعٌ) މާނައީ: "ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެއެވެ."
މީގެ އިތުރުން، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ވިޔަފާރި އުޞޫލުން އަނެކަކު ކޮށްދޭ ކަމަކަށް ބަދަލުދިނުން ނޫން ކަމަށާއި، ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ އަނެކަކު އެ ގުޅުން ކަނޑައިލި ނަމަވެސް، އެ ގުޅުން ގުޅުވައި ދަމަހައްޓާ މީހާ ކަމަށް ވެސް ބަޔާންކުރިއެވެ.
ޢާއިލާތަކުގެ ގުޅުން ބަދަހިކުރެވޭނީ ދަރިންނަށް ރަނގަޅު ތަރުބިޔަތެއް ދީގެން ކަމަށްވާއިރު، މައިންބަފައިންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރިންގެ ޙައްޤުތަކަށް ރައްކާތެރިވުން ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން މާއްދީ ކަންކަން ފުރިހަމަކޮށްދިނުމުގެ އިތުރުން، އިސްލާމީ އަދަބުތަކަށް ދަރިން އަހުލުވެރިކުރުވުމަށާއި، އުމުރުން ހަތް އަހަރުވުމުން ނަމާދުކުރަން އަމުރުކޮށް، ދީނީ ވާޖިބުތަކަށް ފަރުވާތެރި ކުރުވުމަށް މައިންބަފައިންނަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް