ކަޒަކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުގެ ކޮންޓްރޯލްގައި ދިވެހި ޕައިލެޓެއް
ކަޒަކިސްތާނުގެ ގައުމީ އެއާލައިން، އެއާ އަސްތާނާއިން އެ ގައުމުގެ އަލްމަޓީން ރާއްޖެއަށް ކުރި ދަތުރުގެ ކޮކްޕިޓުގައި އިސްކޮށް އިނދެ ދިވެހި ޕައިލެޓަކު ބޯޓު ދުއްވައިފިއެވެ.
މި ހިނގާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖެ އައި އެ އެއާލައިންގެ އެއާބަސް އޭ321 ނިއޯ (A321neo) މަރުކާގެ މި ބޯޓަކީ ފިނި މޫސުމާ ދިމާކޮށް ކަޒަކިސްތާނާއި މާލެއާ ދެމެދު އެ އެއާލައިނުން ފަށާފައިވާ ޚާއްސަ ދަތުރުތަކުގެ ތެރޭގައި ހިމެނޭ ފްލައިޓެކެވެ.
މި ފްލައިޓް ދުއްވާފައިވަނީ މީގެ ކުރިން ޓީއެމްއޭގެ ޕައިލެޓްކަންވެސް ކޮށްފައިވާ ސައިފްއެވެ.
ބައިނަލްއަގުވާމީ ބޮޑު އެއާލައިނެއްގެ މިފަދަ ދަތުރެއްގައި ދިވެހި ޒުވާނަކު އިސް ދައުރެއް އަދާކުރުމަކީ މުޅި ރާއްޖެއަށްވެސް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ޕައިލެޓްކަން ކިޔަވާ ޒުވާނުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގެ ލޯނު އެހީގެ ދަށުންވެސް 500 އެއްހާ ދަރިވަރުން ޕައިލެޓްކަން ކިޔެވުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ.
ނަމަވެސް، ކިޔަވައި ނިމިގެން އައި ގިނަ ކުދިންނަށް ރާއްޖޭގެ އެއާލައިންތަކުން ވަޒީފާގެ ފުރުސަތު ލިބުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން 200 އެއްހާ ދިވެހި ޕައިލެޓުން ވަޒީފާއެއް ނުލިބި ތިބިކަން މަދަނީ އުދުހުންތަކާބެހޭ ވަޒީރު އަމީން ވިދާޅުވިއެވެ. ރާއްޖެއިން ވަޒީފާގެ ފުރުސަތުތައް މަދުވުމުގެ ސަބަބުން، ދުނިޔޭގެ ނަން މަޝްހޫރު ބޭރުގެ އެކި އެއާލައިންތަކުން ވަޒީފާ ހޯދުމަށް މަސައްކަތްކުރާ ދިވެހި ޕައިލެޓުންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް