ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި
ޓީއެމްއޭގެ ސީޕްލޭން އެކްސިޑެންޓް ތަހުގީގް މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑު (އެމްޓީއެސްބީ) އިން ބަލަން ފަށައިފިއެވެ.
ޓްރާންސްޕޯޓްގެ ސޭފްޓީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިނގި އެ ހާދިސާ ތަހްގީގްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެމްޓީއެސްބީން ބުނި ގޮތުގައި، މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ކަށަވަރުވަމުންދާ މިންވަރަކުން އާންމުކުރަމުން ގެންދާނެއެވެ.
އެމްޓީއެސްބީން ނެރުނު ބަޔާނުގައި ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ނޫވިލު ސީޕްލޭން ޓާމިނަލުން އެ ބޯޓު ފުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި ބޯޓުގެ ކްރޫ މެންބަރަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި، ނަމަވެސް ބޯޓުން ދަތުރުކުރި އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ ބޯޑުން ކަށަވަރުކޮށްދެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި، ސީޕްލޭން އެކްސިޑެންޓް ހިނގަން މެދުވެރިވީ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީ ކުރަމުންދަނިކޮށެވެ. އަދި ހާދިސާ ހިނގި ވަގުތުން ފެށިގެން އެމްއޭސީއެލްގެ އެއާޕޯޓު އިމަޖެންސީ ސާވިސަސްއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ކުއްލި ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޓުގެ އެއްފަޅި އަޑިއަށް ގޮސްފައިވާއިރު، ލައިފް ރިންގުގެ އެހީގައި ފަސިންޖަރުންނާއި ފަޅުވެރިން ރައްކާތެރިކަމާއެކު ބޯޓުން ބާލަމުންދިޔަ މަންޒަރު ފެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް