ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކައިފި
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.
އެމްއޭސީއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހިއްކުނު 115 ހެކްޓަރާއެކު މުޅި މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން 70 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ބާކީ އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްގެން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށްޓަކައި އެމްއޭސީއެލް އިން ދަނީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ "ކުއީން އޮފް ނެދަލޭންޑްސް" އަދި "އޮރެންޖް" ޑްރެޖަރު ބޭނުންކުރަމުންނެވެ. އަދި ބިން ހިއްކުމުގެ މި އޮޕަރޭޝަނުގައި "ކުއީން އޮފް ނެދަލޭންޑްސް" އިން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާއެކު، އެ ފަޅުން ޖުމްލަ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1،250 އަކަފޫޓުގެ 2،605 ގޯއްޗާއި، 1،650 އަކަފޫޓުގެ 1،213 ގޯއްޗާއި، 2،050 އަކަފޫޓުގެ 253 ގޯތީގެ އިތުރުން 2،450 އަކަފޫޓުގެ އެއް ގޯއްޗެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ އިސް ވަފުދެއް މީގެ ކުރިން ވަނީ ގިރާވަރުފަޅަށް ޒިޔާރަތްކުރައްވައި، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އެ ޒިޔާރަތުގެ ތެރެއިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ބިން ހިއްކައި ނިމުނުހާ އަވަހަކަށް ގޯތި ލިބުނު ފަރާތްތަކަށް ކަޑަޖަހައި ބިންތައް ހަވާލުކުރުން ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމުމުގެ ކުރިން ރަޖިސްޓްރީގެ ކަންކަން ފަށައި، ސާވޭ ކުރެވެމުންދާ މިންވަރަކުން ގޯތިތައް ހަވާލުކުރަމުން ގެންދާނެ ކަމަށާއި، އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ މަސައްކަތްތައްވެސް ހުއްޓުމެއްނެތި ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރުގެ މެދުތެރޭގައި ގިރާވަރުފަޅު އެއްކޮށް ހިއްކާ ނިންމައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިދިނުމުގެ އަމަލީ މަސައްކަތްތައް އަވަސްކުރުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް