ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅާއެކު ޕާކިސްތާނާއި ރާއްޖޭގެ ގުޅުން އާ އުސްމިންތަކަކަށް ވާސިލްވެއްޖެ: ސަފީރު ލޯދީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންގޮސްދިން ތާރީޚީ ދަތުރުފުޅެއް ކަމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފައިސަލް ލޯދީ ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ވަރލްޑް އީކޯ ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ސަފީރު ލޯދީ ވިދާޅުވީ، މިއީ 11 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކަމަށެވެ. އަދި މި ދަތުރުފުޅު ކުރައްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކަމަށްވުމުން، މިއީ ވަރަށް މުހިންމު އަދި ތާރީޚީ ދަތުރުފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަފީރު ވިދާޅުވި ގޮތުގައި، ދެކުނު އޭޝިއާ ސަރަޙައްދަށް ނިސްބަތްވާ މި ދެ މުސްލިމް ޤައުމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމީ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ވަރުގަދަ ބިންގަލުގެ މައްޗަށެވެ. ވޭތުވެދިޔަ 2018 އިން 2023 އާ ދެމެދު އެކި ސަބަބުތަކާހުރެ ދެ ޤައުމުގެ ގުޅުމަށް މަޑުޖެހުމެއް އައި ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އެ ގުޅުން އަލުން އާރާސްތުކޮށް، ދެމެހެއްޓެނިވި ސްޓްރެޓީޖިކް ބައިވެރިވުމަކަށް ބަދަލުކުރުމަށް އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް ޕާކިސްތާނުން ފުރިހަމައަށް މަރުޙަބާ ކިޔާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
މި ތާރީޚީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މުހިންމު ގިނަ ދާއިރާތަކަކުން 20 ފަހުމުނާމާއެއްގައި (އެމް.އޯ.ޔޫ) ވަނީ ސޮއިކުރެވިފައެވެ. އޭގެ ތެރޭގައި ސިއްޙަތު، ތަޢުލީމު، ޒުވާނުންނާއި ކުޅިވަރު، ދަނޑުވެރިކަން، މަސްވެރިކަން، ކާބޯތަކެތީގެ ރައްކާތެރިކަން، އަދި ދިފާޢީ އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތައް ހިމެނެއެވެ.
ޚާއްޞަ ގޮތެއްގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި އެ ޤައުމުގެ ދާޚިލީ ވަޒީރުގެ އިސްނެންގެވުމުގެ މަތިން، ޣައިރު ޤާނޫނީ ވިޔަފާރިއާއި މުދާ އުފުލުން ހުއްޓުވުމަށާއި ދެ ޤައުމުގެ ފުލުހުންގެ އެކަޑަމީތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް ވަނީ އެކުލަވާލެވިފައެވެ. މީގެ އިތުރުން އަސްކަރީ ތަމްރީނުތަކާއި ކަނޑުގެ ސަލާމަތާ ގުޅޭ ދާއިރާތަކުން ގުޅުން އިތުރަށް ވަރުގަދަކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
ތަޢުލީމީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، ދެ ޤައުމުގެ ޔުނިވަރސިޓީތަކުގެ މެދުގައި ފަސް ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ. މި އެއްބަސްވުންތަކުގެ ދަށުން މުދައްރިސުންނާއި ދަރިވަރުން ބަދަލުކުރުމާއި، ޢިލްމީ ދިރާސާތަކާއި ވަސީލަތްތައް ޙިއްޞާކުރުން ކުރިއަށްދާނެއެވެ. މީގެ އިތުރުން، މާޒީގައިވެސް ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމުކުރުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި އިސްލާމީ މަރުކަޒު ބިނާކުރުމުގައި ޕާކިސްތާނުން ވެދީފައިވާ އެހީތެރިކަމަކީ މި ގުޅުމުގެ ދިރިހުރި މިސާލުތަކެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ވެވުނު އައު އެއްބަސްވުންތަކާއެކު، ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު ފެށުމަށް ދެ ޤައުމުގެ ވެރިން އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށިގެން ދިއުމުން، ދަތުރުގެ ވަގުތު ތިން ގަޑިއިރާއި ބަޔަށް ކުޑަވެގެންދާނެއެވެ. މިއީ ވިޔަފާރިއާއި ކާގޯ އުފުލުމުގައި ދެ ޤައުމަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
މީގެއިތުރުން، ޕާކިސްތާނު ރައްޔިތުންނަށް ރާއްޖެއިން އޮން-އެރައިވަލް ވިސާ ލިބޭ އިންތިޒާމު ހަމަޖެހިފައިވާއިރު، ދިވެހި ރައްޔިތުންނަށްވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވަގުތުން އޮންލައިންކޮށް ޕާކިސްތާނުގެ ވިސާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ފަހިކޮށްދީފައެވެ. މި ލުއިތަކުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާޢީ އަދި އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް އުފުލިގެންދާނެ ކަމަށް ސަފީރު ފައިސަލް ލޯދީ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް