ތ. އަތޮޅު ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ކުވެއިތު ފަންޑުން 9.7 މިލިއަން ޑޮލަރުގެ ލޯނެއް
ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ލާމަރުކަޒީކޮށް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ތ. ވޭމަންޑޫގައި އައު ހޮސްޕިޓަލެއް އެޅުމަށްޓަކައި ކުވެއިތު ފަންޑާއެކު އެއްބަސްވުމެއްގައި މިއަދު ފިނޭންސުން ސޮއިކޮށްފިއެވެ.
ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރުގެ މި ލޯނު އެއްބަސްވުމުގައި ސޮއިކުރީ މިކަމަށްޓަކައި ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު ސޮއިކުރެއްވިއިރު، ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު ވިދާޅުވީ، މިއީ ހަމައެކަނި ޢިމާރާތެއް އެޅުމުގެ މަޝްރޫޢެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ޤައުމުގެ ކުރިމަގަށްޓަކައި ވެވުނު އަގުހުރި އިންވެސްޓްމަންޓެއް ކަމަށެވެ. އަދި އަމިއްލަ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ ލިބޭނެ މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭ އެއް ސިޔާސަތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ވީއައިއޭގެ އައު ޓާމިނަލާއި ފުވައްމުލަކުގެ ގޮނޑުދޮށް ޙިމާޔަތްކުރުން ފަދަ ރާއްޖޭގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގައި ކުވެއިތު ފަންޑުން ވެދެއްވާ އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުވެއިތު ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރް ފާހަގަކުރެއްވި ގޮތުގައި، މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެ ފަންޑުން އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ. އަދި މިހާތަނަށް ތަރައްޤީގެ އެކި ދާއިރާތަކުން ރާއްޖެއަށް 185 މިލިއަން ޑޮލަރުގެ 14 ލޯނާއި، 5.7 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢު ނިމުމުން ތ. އަތޮޅުގެ ރައްޔިތުންނަށް އަތޮޅު ތެރެއިން ސެކަންޑަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބި، ފަރުވާއަށް މާލެއަށް ދާންޖެހޭ ދިއުމާއި އެކަމަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މީގެއިތުރުން، މި ބައްދަލުވުމުގެ ހަވާސާގައި އަލްބަދަރް ވަނީ ރާއްޖެއަށް އުފާވެރި ޚަބަރެއް ދެއްވާފައެވެ. އެގޮތުން، ދިވެހި ސަރުކާރުން އެދިފައިވާ އެދުމަށް ބައްލަވައި، ކުވެއިތު ފަންޑުން ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ ކަންޓްރީ ލިމިޓް 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރު ސަރުކާރުން ފަށަން ނިންމާފައިވާ ތިލަފުށީ ބަނދަރުގެ ބިޔަ މަޝްރޫޢަށް ފައިނޭންސް ކުރުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތަކާއި މަޝްވަރާތައް މިހާރުން ފެށިގެން ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ކުވެއިތު ފަންޑުން ވަނީ ދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް