2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް؛ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން ރުފިޔާ އޮތް
2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން، އެ ކުންފުންޏަށް އެ އަހަރު 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ. އަދި ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުން ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރިހަމަ ލިޔެކިޔުންތައް ނުލިބޭތި، އޮޑިޓަރުން ވަނީ މި ބަޔާނަށް ރައުޔެއް ދިނުމުން އުޒުރުވެރިވެފައެވެ.
ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު ނިމުނުއިރު ފެނަކައަށް ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. ނަމަވެސް، އިދާރީ ހަރަދުތަކާއި އެހެނިހެން ހަރަދުތައް ބޮޑުވުމުގެ ސަބަބުން ކުންފުނީގެ ޖުމްލަ ގެއްލުން ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. ކުންފުނީގެ އޮޕަރޭޝަނަލް ހަރަދުތަކުގެ ގޮތުގައި އެކަނިވެސް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވާކަން ރިޕޯޓުން ދައްކައެވެ.
މީގެ އިތުރުން، ކުންފުނީގެ ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބައެއް މުދަލާއި ތަކެތީގެ ހިސާބުތަކާއި، ސްޓޮކް އަދި އިންވެންޓަރީގެ ރިކޯޑުތައް ބެލެހެއްޓުމުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ހާއްސަކޮށް، ވިޔަފާރީގެ މުއާމަލާތްތަކާއި ޖާނަލް އެންޓްރީތައް ފުރިހަމައަށް ރިކޯޓުކޮށްފައި ނުވުމުގެ ސަބަބުން މާލީ ބަޔާނުގެ ސައްހަކަން ކަށަވަރުކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވެއެވެ.
ކުންފުނީގެ ކަރަންޓު ވިއުގައާއި އެހެނިހެން މަޝްރޫއުތަކާ ގުޅުގެން ވިޔަފާރި ކުންފުނިތަކަށާއި ސަރުކާރުން ދައްކަންޖެހޭ ދަރަނީގެ އަދަދުތައް ވަރަށް މައްޗަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު ނިމުނުއިރު ކުންފުނީގެ ކަރަންޓު ހަރަދުތަކާއި އެހެނިހެން ސަބަބުތަކާހުރެ ޓްރޭޑް ޕޭޔަބަލްސްގެ ގޮތުގައި އެކަނިވެސް 3.5 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެބައޮތެވެ.
މިފަދަ ބޮޑެތި މާލީ ގޮންޖެހުންތަކާއި ގެއްލުންތަކާ އެކުވެސް، ސަރުކާރުގެ އެހީތެރިކަމާއެކު ކުންފުނި ހިންގަމުންދިޔަ ކަމަށާއި، އަދި ފަހުން ގެނައި އިސްލާހުތަކާއި ސިޔާސީ ބަދަލުތަކުގެ ދަށުން ބައެއް ހިދުމަތްތައް އެހެން ކުންފުނިތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަން ރިޕޯޓުގެ ފަހުބައިގައި ފާހަގަކޮށްފައިވެއެވެ.
ރައީސް މުއިއްޒު ވަނީ، މިފަދަ ކަންތަކާހުރެ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ފެނަކަ އުވާލާއި، އެ ކުންފުނީގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރުމަށް ނިންމާފައެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން އިއުލާން ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ކުންފުނީގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުންވެސް އެނގޭ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން ކުންފުނީގެ ރައިޓް ސައިޒްކޮށް، އެ ކުންފުނި ތަކުން، އިތުރު މުވައްޒަފުން މަދުކުރެވިގެންދާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް