ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ކުރިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ގުޅުންހުރި މަސައްކަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
މި ބަދަލާ ގުޅިގެން، އެ ދެ އަތޮޅުގެ ރަށްތަކުގައި މިވަގުތު ދެމުންދާ އެކި ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ ޚާއްޞަ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓަކުންނެވެ.
މި މަސައްކަތްތަކުގެ އެންމެ ބޮޑު އެއް އަމާޒަކީ ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް ފުރިހަމަ އިތުބާރުހުރި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ޔުޓިލިޓީ ޚިދުމަތްތަކެއް ކަށަވަރުކޮށްދިނުންކަން އެ ކުންފުނިން ހާމަކުރެއެވެ.
މި ބަދަލު އައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ފެނަކައާއި އާރްޑީސީ އުވާލާއި، އެ ކުންފުނިތަކުގެ މަސައްކަތް ސްޓެލްކޯއާއި އެމްޓީސީއާއި ހަވާލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމުންނެވެ. ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މިކަން އިއުލާން ކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ކުންފުނީގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުންވެސް އެނގޭ ކަމަށެވެ.
އެގޮތުން ރައީސް އިތުރަށް ވިދާޅުވީ، އެމްޓީސީސީއާ އާރްޑީސީއަކީ އެއް ކަހަލަ މަސައްކަތެއް ކުރާ ދެކުންފުނި ކަމަށެވެ. އެހެންކަމުން، އާރްޑީސީ އުވާލައި، އެމްޓީސީސީއާ އެއްކޮށްލުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ކުންފުނިތައް ރައިޓް ސައިޒްކޮށް، އެ ކުންފުނި ތަކުން، އިތުރު މުވައްޒަފުން މަދުކުރެވިގެންދާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް