މިސްކިތުތެރެއަށް ބޮޑުކަމުދިޔަ ނައުޝާދު، ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެއްޖެ
މިސްކިތެއްގެ ތެރެއަށް ބޮޑުކަމުދިޔަ މައްސަލައިގައި ދާދިފަހުން ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން މިނިވަންވި ނައުޝާދު މޫސާ، ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ މުޑުދާރު އަމަލެއް ހިންގައިފިއެވެ.
”ވޮއިސް“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގ. މާލެހިޔާ 2 02-13، އުމުރުން 32 އަހަރުގެ ނައުޝާދު މި ނާތަހުޒީބު އަމަލު ހިންގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ވަނީ މަސްޖިދުލް ފުރްޤާން (ފުރުގާން މިސްކިތް) ގައި ޟުޙާ ނަމާދު ކުރަން ހުރި އަންހެނެއްގެ ކުރިމައްޗަށް އަރައި، އަންނައުނު ބާލައި ބަރަހަނާވެ، އަމިއްލަ އެދުން ފުއްދުމުގެ މުޑުދާރު އަމަލެއް ހިންގާފައެވެ.
މި ހާދިސާއާ ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މި މައްސަލަ މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރަސްމީކޮށް ހުށަހަޅާފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ފުރުގާން މިސްކިތުގައި އެފަދަ ކަމެއް ހިނގި ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
”މިމައްސަލާގައި އެފަރާތުން ދިން މަޢުލޫމާތާއި ގުޅިގެން ނައުޝދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. އަދި ފުލުހުން ދަނީ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެފަރާތް އެފަދަ ކަމެއް ރަކުރާރުކޮށް ކުރިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން.“ ފުލުހުން ބުންޏެވެ.
ނައުޝާދަކީ މީގެކުރިން ވެސް މިފަދަ ދަށު ދަރަޖައިގެ އަމަލުތައް މިސްކިތްތަކުގައި ހިންގާފައިވާ މީހެކެވެ. އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ފަތިހު 4:14 ހާއިރު އޭނާ ވަނީ ފުރުގާން މިސްކިތަށް ވަދެ، މިސްކިތް ތެރެއަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތަކެއް ހިންގާފައެވެ.
އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ދިނީ 15 ދުވަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލަ ބެލުމަށްފަހު، މި ހިނގާ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ވަނީ ހުކުމް އިއްވާފައެވެ. އޭނާ ޝަރީއަތުގައި ކުށަށް އިއުތިރާފުވުމާ ގުޅިގެން ކޯޓުން އިއްވީ 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި 1 މަހާއި 21 ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ، ތަންފީޒުކުރަން ޖެހޭ އިތުރު އަދަބެއް ނެތުމުން ކޯޓުން ވަނީ އޭނާ މިނިވަން ކުރުމަށް އަމުރުކޮށްފައެވެ.
ބަންދުން ދޫކޮށްލި ފަހުން ވެސް ނައުޝާދު ތަކުރާރުކޮށް މިސްކިތްތަކަށް ގޮސް ނިދައި، މިސްކިތްތަކުގެ މަސްލަހަތު ގެއްލޭ ގޮތަށް އުޅެމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް