ތަޢުލީމީ ސަނަދުގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށް އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
އިންޑޮނޭޝިއާގެ ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯ (ޖޮކޯވީ) ގެ ދަރިކަލުން އަދި އެ ޤައުމުގެ ނައިބު ރައީސް ޖިބްރާން ރަކަބުމިންގ ރަކާ، އޭނާގެ ތަޢުލީމީ ސަނަދާ ގުޅޭގޮތުން އުފެދުނު ބޮޑު މައްސަލަގަނޑެއްގައި މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ބީބީސީއަށް މަޢުލޫމާތު ދެއްވަމުން ޖިބްރާންގެ އެހީތެރިއެއް ކަމަށްވާ ބުދީ އަރީ ވިދާޅުވީ، ޖިބްރާންގެ އިސްތިއުފާގެ ސިޓީ ބުދަ ދުވަހު ރައީސް ޕްރަބޯވޯ ސުބިއަންޓޯއަށް ރަސްމީކޮށް އަރުވާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީ ރައީސް ބަލައިގަތްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. މިއީ ރައީސް ޕްރަބޯވޯ ވެރިކަމަށް ގެނައުމަށް އެކުލަވާލި ސިޔާސީ އިއްތިހާދަށް އިތުރު ލޮޅުންތަކެއް އަރައިގެންދާނެ ނިންމުމެއް ކަމަށް ބެލެވެއެވެ.
ޖިބްރާން އިސްތިއުފާ ދެއްވާފައިމިވަމީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖިބްރާން ބޭނުންކުރެއްވި ސާނަވީ ތަޢުލީމީ ސެޓްފިކެޓަކީ ޞައްޙަ އެއްޗެއް ނޫން ކަމަށް އިންޑޮނޭޝިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެ ހުކުމާ ގުޅިގެން ޕާލަމެންޓުގެ 100 އަށްވުރެ ގިނަ މެންބަރުން ވަނީ ޖިބްރާން މަޤާމުން ދުރުކުރުމުގެ އިމްޕީޗްމަންޓް މަރުޙަލާ ފެށުމަށް ތާއީދުކޮށްފައެވެ.
އިންޑޮނޭޝިއާގެ ޤާނޫނު ބުނާގޮތުން ނައިބު ރައީސްކަމަށް ކުރިމަތިލައްވާ ބޭފުޅަކީ މަދުވެގެން ސާނަވީ ތަޢުލީމު ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ފުރިހަމަކޮށްފައިވާ ބޭފުޅަކަށް ވާންޖެހެއެވެ. ސިންގަޕޫރާއި އޮސްޓްރޭލިއާއިން ތަޢުލީމު ޙާޞިލުކުރެއްވި ޖިބްރާން އިންތިޚާބަށް ހުށަހެޅުއްވި ސެޓްފިކެޓާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމީ އޭނާ ސާނަވީ ތަޢުލީމު ފުރިހަމަކުރެއްވިކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. މީގެ ކުރިން ކޮންސްޓިޓިއުޝަނަލް ކޯޓުން ވެސް ވަނީ މިފަދަ ނިންމުމެއް ނިންމާފައެވެ. ޖިބްރާން ދިފާޢުގައި ވިދާޅުވަމުން ގެންދެވީ ޔުނިވަރސިޓީ ތަޢުލީމު ފުރިހަމަކޮށްފައިވުމަކީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވާ ކަމަށް ފުދޭ ހެއްކެއް ކަމަށެވެ. އަދި އޭނާގެ ސަނަދުތަކުގެ ޞައްޙަކަން ސާބިތުކޮށްދިނުމުގެ ފުރުޞަތަކަށް އަންގާރަ ދުވަހުވެސް އެދިވަޑައިގެންފައިވާ ކަމަށް ސްޓޭޓް ސެކްރެޓަރީ ޕްރަސެތްޔޯ ހާދީ ވިދާޅުވިއެވެ.
ޖިބްރާން ނައިބު ރައީސްކަމަށް ވާދަކުރެއްވީ އޭނާގެ ބައްޕަ ޖޮކޯވީއާއި އެމަނިކުފާނުގެ ކުރީގެ ސިޔާސީ ވާދަވެރިޔާ ޕްރަބޯވޯއާ ދެމެދު ހެދި އިއްތިހާދެއްގެ ދަށުންނެވެ. އޭރު އުމުރުން 36 އަހަރުގެ ޖިބްރާނަށް ވާދަކުރެވުނީ 40 އަހަރު ފުރެންޖެހޭ ޝަރުޠުން އޭނާ އިސްތިސްނާކޮށް ކޮންސްޓިޓިއުޝަނަލް ކޯޓުން ނިންމި ނިންމުމަކާ ގުޅިގެންނެވެ.
ނަމަވެސް، ފަހަކަށް އައިސް ޖޮކޯވީ އާއި ޕްރަބޯވޯގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޕްރަބޯވޯ ވެރިކަމަށް ވަޑައިގަތުމަށްފަހު، ޖޮކޯވީގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ އައު ވެރިރަށް "ނުސަންތާރާ" ތަރައްޤީކުރުމުގެ މަސައްކަތަށް ސަމާލުކަން ނުދެއްވައި، އިސްކަންދެއްވީ އޭނާގެ އަމިއްލަ ވަޢުދެއް ކަމަށްވާ ސްކޫލް ކުދިންނަށް ހިލޭ ކާނާ ދިނުމުގެ ޕްރޮގްރާމަށެވެ. އަދި ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ޖޮކޯވީގެ އަރިސް ބޭފުޅުން މަޤާމުތަކުން ދުރުކުރައްވަން ފެއްޓެވިއެވެ. މީގެއިތުރުން، ރައީސްގެ ފޯނު ކޯލު އަޑުއެހި ކަމުގެ ތުހުމަތުގައި ޖޮކޯވީގެ ގާތް ބޭފުޅެއް ކަމަށްވާ ރައީސްގެ ޗީފް އޮފް ސްޓާފް ލިސްޓިޔޯ ސިގިތު ޕްރަބޯވޯ މިދިޔަ ހަފްތާގައި ވަނީ ހައްޔަރުކޮށް، މަޤާމުން ވަކިކޮށްފައެވެ.
އިއްތިހާދު ރޫޅެމުންދާ މި ދަނޑިވަޅަކީ ޕްރަބޯވޯގެ ސަރުކާރަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. އެގޮތުން ސްކޫލް ކާނާގެ ޕްރޮގްރާމަށް ބަޖެޓް ހޯދުމުގެ ދަތިކަމާއި، ޤައުމުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާތަކާއި، ހިއްސާގެ ބާޒާރަށް ކުރިމަތިވި މާލީ މައްސަލަތަކުގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް ދަރިވަރުން ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން ސަރުކާރަށް ވަނީ ބޮޑެތި ފިއްތުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް