ކެފޭއެއްގެ ތެރޭގައި ބަޔަކު ބަންދުކޮށް ބިރުދެއްކި މީހަކު 20 ދުވަހަށް ބަންދުކޮށްފި
ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި، މާރާމާރީ ހިންގާ ބިރުދެއްކި މައްސަލައެއްގައި ޒުވާނަކު 20 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ ގއ. މާމެންދޫ، އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ޖިނާއީ މަޖުބޫރުކުރުވުމުގެ އިތުރުން ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުގެ ގާޟީ ޢަލީ އާދަމް ނެރުއްވި އަމުރުގައިވާ ގޮތުން، ޒުވާނާ ކަސްޓޯޑިއަލް ޖަލެއްގައި 20 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މައްސަލައިގެ ތަޙުޤީޤު އޮފިސަރު (އައިއޯ) ކޯޓުގައި ވިދާޅުވެފައިވާ ގޮތުގައި، އިފްހާމް ވަނީ ކެފޭއެއްގެ ތެރޭގައި ތިން ގަޑިއިރެއްހާއިރު ވަންދެން އަނިޔާ ލިބުނު ފަރާތްތައް ހުއްދަނޫން ގޮތުގައި ހިފަހައްޓައި ބަންދުކޮށްފައެވެ.
އަދި އަނިޔާ ލިބުނު މީހުންގެ ފޯނު ނުދީފިނަމަ ބިއްލޫރި ފުޅިއަކުން ޖަހާނެ ކަމަށް ބުނެ އޭނާ ބިރުދައްކާފައިވާ ކަމަށާއި، އެތަނުގައި ތިބި މީހުންގެ ކުރިމަތީގައި އެމީހުންގެ ޤަދަރާއި ޢަބުރަށް އުނިކަން އަންނާނެ ގޮތަށް ފޯނުން ވީޑިއޯކޮށްފައިވާ ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
އިފްހާމްގެ ފަރާތުން އޭނާގެ ވަކީލު ޝަރުތުތަކާއެކު ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދުނު ނަމަވެސް، ޤާޟީ ނިންމެވީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންނާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގައި ބަޔާންކުރާ ހާލަތްތައް ފުރިހަމަވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލާގައި އިފްހާމްގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ހެކިންގެ ބަޔާންތަކާއި، މެޑިކޯ ލީގަލް ރިޕޯޓާއި، އަނިޔާ ފެންނަ ފޮޓޯ ރިޕޯޓުގެ އިތުރުން ސީސީޓީވީ ފުޓޭޖްތަކުގެ ސްނެޕްޝޮޓްތައް ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް