މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީން އިންތިޒާމުކުރާ "ރަހަވަރު" ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ.

މުބާރާތް ކުރިއަށްދާ އުސޫލަށް ބަލާއިރު، ބައިވެރިވާ ޓީމުތަކުން ދެ ބާވަތެއް ތައްޔާރުކުރަން ޖެހެއެވެ. އެއީ ބޯވަދިލަމަހުން ތައްޔާރުކުރާ ސްޓާޓާ ޑިޝެއް އާއި ކުރުމަހުން ތައްޔާރުކުރާ މެއިން ކޯހެކެވެ. އެއްވަނައަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ، އަދި ތިންވަނައަށް 7،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ.
ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް ފުރުޞަތު ހޯދައިދީ، މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އެ ދާއިރާއިން ހިއްސާކުރާ މިންވަރު ފާހަގަކުރުމަކީ މި މުބާރާތުގެ މައިގަނޑު މަޤުޞަދެވެ. މިއީ "ރަހަވަރު" ބާއްވާ ތިންވަނަ ފަހަރެވެ.
ބައިވެރިވުމަށް އެދޭ ފޯމް: https://forms.gle/mhq59qjJrvNKdTkGA
މައުލޫމާތު: ލިންކު https://fishagriocean.gov.mv/dv/media/announcements/341
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް