މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %23 އިތުރުވެއްޖެ
މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 114.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މުޅި ޖުމްލަ އާމްދަނީއަށް ވުރެ 23 އިންސައްތަ އިތުރު އަދަދެކެވެ.
މީރާއިން އާންމުކޮށްފައިވާ އޮކްޓޫބަރު މަހުގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ 10 މަސްދުވަހު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 93.4 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަކީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 23 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި ޖުމްލަ ލިބުނު 106.4 މިލިއަން ރުފިޔާގެ ރެކޯޑު، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ވަނީ މުގުރާލެވިފައެވެ.
ވަކި މަހަކަށް ބަލާއިރު، ނިމިދިޔަ އޮކްޓޫބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ބަލައިގަނެފައިވަނީ 5.2 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު 5.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
މުދަލު ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދައުލަތަށް ލިބޭ ޒަކާތުގެ މިންވަރު އަހަރަކު 10 އިންސައްތަ އިތުރުކުރުމުގެ އަމާޒެއް މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ކަނޑައަޅާފައެވެ. އެ އިދާރާގެ ލަނޑުދަނޑިއަކީ 2028 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށްދާއިރު، އަހަރަކު ލިބޭ ޒަކާތުގެ މަދުވެގެން 25 އިންސައްތައަކީ ކުންފުނިތަކާއި ވިޔަފާރިވެރިން ދައްކާ ޒަކާތް ކަމުގައި ހެދުމެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވެ އެއަށް ހިޖުރީ އެއް އަހަރު ފުރުމުން ޒަކާތް ނެރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މި ވާޖިބު އަދާކުރެވޭނެއެވެ. އެންމެ ފަހުން މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 19،266.10 ރުފިޔާއެވެ.
ރާއްޖޭގައި 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ރަސްމީކޮށް ބަލައިގަންނަމުންދަނީ މީރާއިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް