ޝާނީގެ މި ވާހަކަ: ވިސްނާ ފިޔަވަޅު އަޅަން ޖެހޭ ކަމެއް
ދިވެހީންގެ މެދުގައި އައިމިނަތު ޝާނީ މަޝްހޫރުވީ ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ޝާނީއަކީ ދިވެހި މުޖްތަމައުގައި ހުންނަ އެކި މައްސަލަތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް އެކި ހިޔާލުތައް ފާޅުކުރުމުގައި ވެސް ފާހަގަކޮށްލެވޭ ފަންނާނެކެވެ.
ސްރީލަންކާގައި މިވަގުތު ދިރިއުޅޭ، ޝާނީ ސޯޝަލް މީޑިއާގައި މިއަދު ވަނީ އަހަރެމެން އެންމެވެސް ވިސްނާލަން މުހިންމު ކަންތައްތަކެއް ހިއްސާކޮށް ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އެއް ޕޯސްޓްގައި ޝާނީ ވަނީ ވަޒީފާ ހޯދުމުގައި ރާއްޖެއާ އެހެން ގައުމުތަކުގައި ހުރި ތަފާތު ފާހަގަ ކޮށްފަ އެވެ. އެހެން ގައުމަކުން ދިވެއްސަކަށް ވަޒީފާއެއް ނުލިބެ އެވެ. އެކަމަކު ރާއްޖޭގައި އެކަން އޮތީ ދިމާ އިދިކޮޅަށެވެ. ވިޔަފާރީވެސް އެފަދަ އެވެ. އެހެން ގައުމެއްގައި ދިވެއްސަކު ވިޔަފާރިއެއް ހިންގި ނަމަވެސް އެކަން ހުއްޓުވަން އެހެން މީހުން މަސައްކަތް ކުރެ އެވެ. ޝާނީ ފާހަގަކުރީ ދިވެހީންނަށް ވުރެ އެހެން މީހުން ގަދަ ކަމެވެ. އެ މީހުންގެ ގައުމިއްޔަތު ވަރުގަދަ ކަމެވެ.
”އަވަށްޓެރި ޤައުމެއްގަ ލާހިކު ކުޅަދާނައެއްނޫން ދިވެއްސަކަށް ވަޒީފާއެއްވެސް ނުދޭނެ، ކުޑަ ވިޔަފާރިއެއް ކުރިއަސް، އެންމެން އެއްވެލާފަ ރިޕޯޓް ކުރުމާއި، ޖެއްސުންކުރުން، އެބައި މީހުންގެ ޤައުމިއްޔަތު މާވަރުގަދަ،”ލަންކާގައި ގޮންޖެހުންތަކާއެކުވެސް ވިޔަފާރިއެއް ކުރެވޭތޯ އެތައް މަސައްކަތެއް ކުރި ޝާނީ ލިޔެފައިވެ އެވެ.
ޝާނީގެ އެ ވާހަކަ އައީ ތިލަފުށީ ވެޔާހައުސްތަކުގެ ކޮންޓްރޯލް ލަންކާގެ މީހުންގެ ބާރުގެދަަށަށް ގެންގޮސް އެކަމުގެ ކަންބޮޑުވުން ފާޅު ކުރުން އިތުރުވެފައިވާ ވަގުތެއްގަ އެވެ. ބައެއް ވިޔަފާރިވެރީން ބުނާގޮތުގައި ތިލަފުށީގެ ގިނަ ގުދަންތައް ނަގާފައިވަނީ ލަންކާ މީހުންނެވެ.
އަދި އެ މީހުން ބޮޑު ފައިދާގައި އެތަންތަން ދިވެހި ވިޔަފާރިވެރީންނަށް ބޮޑުއަގުގައި ވަނީ ކުއްޔަަށް ދީފަ އެވެ. މިއީ އަމިއްލަ ގައުމުގައި ދިވެހީން ނިކަމެތިވުމެވެ.
މީގެ އިތުރުން ދިވެހީންނަށް ވަޒީފާ ދިނުމުގެ ބަދަލުގައި ބޭރު މީހުން ގެންނަ މައްސަލަ ބޮޑުވެފައިވާ ވަގުތެއްގަ އެވެ.
ޝާނީގެ އެހެން ޕޯސްޓެއްގައި އެކަން ވެސް ފާހަގަކުރި އެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ވަނީ އިއްޔެ ކެފޭއެއްގައި ކޭޝިއަރަކަށް އިން މީހަކަށް ދިވެހި އެއާލައިނަކުން ކެބިން ކުރޫއެއްގެ ވަޒީފާ ދިންކަން ފާހަގަކޮށްފަ އެވެ.
ޝާނީ ބުނި ގޮތުގައި އެކަމުގެ އަޑޫގައި އޮތީ އަމިއްލަ އެދުމެވެ. އަދި ރާއްޖޭގައި ދިވެހީންނަށް އިސްކަންދޭން ޖެހޭ ކަމުގައި ބުނެފައިވެ އެވެ.
”ދިވެހިން ފަރުވާކުޑަވީމައޭ ކިޔާފަ ބޭރުމީހުންނަށް ވަޒީފާދެނީ ޕްރޮފިޓް މާޖިން ހެސްކިޔާފަ ބޮޑުކޮށްގެން ފައިދާ ނަގަން. މީ މާކުރިން ވެސް މިކަން އޮތްގޮތް. ދިވެހިރާއްޖޭގައި ދިވެހިންނަށް އިސްކަން ދޭންޖެހޭނެ،” ޝާނީ ލިޔެފައިވެ އެވެ.
މިއީ ވަކި ފަރާތަކަށް ނުޖެހި ގައުމީ ވިސްނުމެއްގަައި ހުރެ ވިސްނާލަން ޖެހޭ ކަންކަމެވެ. ރާއްޖޭގައި ބޭރު މީހުން ހެސްކިޔާފައި ވިޔަފާރި ހިންގަނީ އެވެ. ލަންކާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނާއި އިންޑިއާގެ އިތުރުން ނޭޕާލް މީހުންނެވެ. ނަމަވެސް އެއިން ގައުމެއްގައި ދިވެއްސަކަށް ކުޑަވެސް ފުރުސަތެއް ނެތެވެ.
ހަރަދު ކުޑަކުރަން، ކުޑަ އުޖޫރައެއް ދޭން ޖެހޭތީ ދިވެހީންގެ ބަދަލުގައި ހުރިހާ ވަޒީފާތަކަށް ބިދޭސީން ހޯދަނީ އެވެ. ލަނީ އެވެ. މިކަން މިހެން ވާން ވެއްޖެނަމަ ދިވެހީންގެ، ދިވެހިރާއްޖެ ގެއްލޭނެ އެވެ. ދިވެހި ބިމުގައި ދިވެހީން ނިކަމެތިވާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް