ކޮޕް 31 ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ރާއްޖެ ވަޑައިގެންފި
ތުރުކީވިލާތުގައި ބޭއްވި މޫސުމާ ބެހޭ އދ. ގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
ނޮވެމްބަރު 10 ގައި ފެށި މި ސަމިޓުގެ ޝިޢާރަކީ "ޓްވާރޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއަންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންފަރެންސްގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން ރައީސް ވަނީ، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެފައިވާ ވަޢުދުތައް ޢަމަލީ ނަތީޖާއަށް ބަދަލުކުރުމަށް ގޮވާލައްވާފައެވެ. އެ ގޮތުން ބައިނަލްއަޤުވާމީ މާލީ ނިޒާމު އިޞްލާޙުކުރުމަށް އެދިވަޑައިގެން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ޙާލަތު ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަތުމަށް ވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މީގެ އިތުރުން މޫސުމީ މައްސަލަތަކާ ގުޅޭ މަތީ ފަންތީގެ ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން، ޖަޒީރާ ޤައުމުތަކަށް ފޯރުކޮށްދޭ ބައިނަލްއަޤުވާމީ އެހީ އިތުރުކުރުމަށް ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވަނީ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ތަޤުރީރު ކުރައްވާފައެވެ. އެ ތަޤުރީރުގައި ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި ކަނޑުގެ ދިރުންތަކަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި، ކުނި އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ހަނދާންކޮށްދެއްވިއެވެ. ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ޤައުމުތަކުގެ އިސްވެރިންނާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ ވެރީންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އިއާދަކުރެނިވި ހަކަތައަށް ބަދަލުވުމާއި، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް މާލީ އެހީ ހޯދުމާއި، ރަށްފުށު ސަރަޙައްދުތައް މޫސުމީ ގެއްލުންތަކަށް ހޭނެއްވުމާ ގުޅޭ ގޮތުންނެވެ. 2023 ވަނަ އަހަރުގެ ކޮޕް28 އާއި 2024 ވަނަ އަހަރުގެ ކޮޕް29 ގައި ވެސް ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް