ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން
ބޭންކަކަށް ނުވިނަމަވެސް ބައިނަލްއަޤްވާމީ މާލީ ނިޒާމަށް އަންނަ ބަދަލުތަކާއެކު، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާނޭކަމަށް ޔޫއެންޑީޕީން ބުނެފިއެވެ.
ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުފަރާތްތަކާއެކު ޕެންޝަން އޮފީހުން މިއަދު ބެއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޔޫއެންޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވިދާޅުވީ ޔޫއެންޑީޕީއަކީ ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ނުވިނަމަވެސް، ތިމާވެށީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، އައު އީޖާދީ މާލީ ވަސީލަތްތައް ހޯދައިދިނުމުގައި އެ އިދާރާ ދެމިއޮންނާނެ ކަމަށެވެ.
އަދްނާންގެ ވާހަކަފުޅުގައި، ދުނިޔޭގެ އެހީގެ ބާޒާރު މިހާރު ބަދަލުވަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި ހިލޭ އެހީއަށް ބަރޯސާވުމުގެ ބަދަލުގައި، މިހާރު ބޮޑަށް ބަލަނީ ސްޓްރެޓީޖިކް ޕާޓްނަޝިޕްތަކާއި އިންވެސްޓްމަންޓްތައް ބޭނުން ހިފުމަށެވެ.. މިގޮތުން، ރާއްޖެ ފަދަ ޤައުމުތަކުން "ބްލެންޑަޑް ފައިނޭންސް" ނުވަތަ އެކި ބާވަތުގެ މާލީ ވަސީލަތްތައް އެއްކޮށްލައިގެން ބޭނުންކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔޫއެންޑީޕީގެ އަމާޒަކީ ބޭންކުތަކާއި މާލީ އިދާރާތަކާ ގުޅިގެން، ތިމާވެށި ހިމާޔަތްކުރާނެ އައު މަގުތައް ދެއްކުން. އަޅުގަނޑުމެން ބޭނުންވަނީ އަމަލީ ގޮތުން ކުރެވިދާނެ ކަންކަން ތަޖުރިބާކޮށް، އެކަންކަން ބޮޑެތި އިންވެސްޓްމަންޓްތަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދޭން
މީގެ އިތުރުން، ރާއްޖޭގައި އިރުގެ ހަކަތަ އިތުރުކުރުމާއި، ފަރުތައް ހިމާޔަތްކުރުމަށް އިންޝުއަރެންސް ފަދަ ވަސީލަތްތައް ބޭނުންކުރުމާއި، އަދި "ޑިޖިޓަލް ނޯމަޑް" މާކެޓް ފަދަ އައު އިޤްތިޞާދީ ދާއިރާތައް ތަރައްޤީކުރުމަށް ޔޫއެންޑީޕީން އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދްނާންގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ މާލީ ބާޒާރު ކުރިއެރުވުމަށާއި، ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމުގައި ޔޫއެންޑީޕީން އަބަދުވެސް ރާއްޖެއާއެކު އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ޕެންޝަން އޮފީހުން މިއަދު ކުރިއަށްގެންދިޔަ ފައިނޭންސް ފޯރަމް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، އެ އެފީހުން ވަނީ މިފަހަރުގެ ފޯރަމަށް މާލީ އިދާރާތަކުން ވަރަށް އެދެވޭގޮތެއްގައި އިޖާބަދިންކަން ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް