ޙައްޖުގެ ޚިދުމަތްތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އާއެކު، މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި
1448 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭނެ ޚިދުމަތްތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާ ދެމެދު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުޙައްމަދު ސައީދެވެ. ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ޢަބްދުލް ފައްތާޙު މަޝާތެވެ.
މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ބޭނުންވާ އެކި ބާވަތުގެ އިންތިޒާމުތަކާއި، މިނާ އާއި އަރަފާތުގައި ދެވޭނެ ޚިދުމަތްތަކުގެ އިތުރުން، ލޮޖިސްޓިކްސްއާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ދިވެހި ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ވަނީ މަޝްވަރާކުރެވިފައެވެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ދެމުން އަންނަ ޙައްޖު ކޯޓާއާއި، އިތުރު ކޯޓާ ހޯދުމާ ގުޅޭގޮތުންނާއި، ޙައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ދިވެހި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ. މި އެއްބަސްވުމުގެ ސަބަބުން 1448 ވަނަ އަހަރުގެ ޙައްޖުގެ ކަންކަން އިތުރަށް ހަރުދަނާވެ، އިންތިޒާމުތައް ވަގުތުން ވަގުތަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް