ނެދަލޭންޑްސް އިން ތަފާތުބޮޑު ނަތީޖާއަކުން ގްރީސް ބަލިކޮށްފި
ނޭޝަންސް ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުމެއް ގެނެސް، ނެދަލެންޑްސްއިން ގްރީސްގެ މައްޗަށް ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.
ނެދަލޭންޑްސްގެ އަމްސްޓަޑަމްގައި ކުޅުނު މި ފޯރިގަދަ މެޗު ނެދަލެންޑްސްއިން ކާމިޔާބުކުރީ 7-0 ގެ ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގެ ތަރިއަކަށްވި ކުޅުންތެރިއަކީ މެޗުގެ ފުރަތަމަ ހާފުގައި ހެޓްރިކް ހެދި ތިޖާނީ ރެއިންޑާސްއެވެ. އަލް-ގާދިސިއާއަށް ކުޅެމުންދާ ކުރީގެ މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރެއިންޑާސް އޭނާގެ ތިން ލަނޑުވެސް ކާމިޔާބުކުރީ މެޗުގެ 12 ވަނަ މިނެޓާއި 33 ވަނަ މިނެޓާ ދެމެދުގައެވެ. އޭނާގެ ފުރަތަމަ ލަނޑަކީ ޖޯއީ ވިއާމަން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ. ދެވަނަ ލަނޑު ޑޮންޔެލް މާލެންގެ އެހީތެރިކަމާއެކު ޖެހިއިރު، ހެޓްރިކް ފުރިހަމަކުރީ ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ނެދަލެންޑްސްއަށް ކުރިހޯދައިދިނީ ކުރިން ލީޑްސް ޔުނައިޓެޑާއި ވެސްޓް ހޭމްއަށް ކުޅުނު ފޯވާޑް ކްރިސެންސިއޯ ސަމަވިލްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ގްރީސްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މީގެ އިތުރުން، އާސެނަލްގެ ޑިފެންޑަރު ޔޫރިއަން ޓިމްބަރ ވަނީ ޤައުމީޓީމަށް ފުރަތަމަ ފަހަރަށް ލަނޑު ޖަހައިދީފައެވެ. މިމެޗްގައި އޭނާ ވަނީ ދެ ގޯލް ޖަހާފައެވެ.
މެޗުގެ ހަތްވަނަ ލަނޑު ކާމިޔާބުކުރީ ކުރިން އެސްޓަން ވިލާއަށް ކުޅުނު ޑޮންޔެލް މާލެންއެވެ. މި ނަތީޖާއާއެކު ނެދަލެންޑްސް މިހާރު އޮތީ ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. މި ގްރޫޕުގެ ދެވަނައިގައި ގްރީސް އޮތްއިރު، ތިންވަނައިގައި އޮތީ ސާބިއާ އަތުން 3-1 އިން މޮޅުވި ޖަރުމަނެވެ.
މުބާރާތުގެ އުސޫލު ހަމަޖެހިފައިވާ ގޮތުން ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެއެވެ. ނަމަވެސް ތިންވަނައަށް ދާ ޓީމަކަށް ޖެހޭނީ ރެލިގޭޝަން ޕްލޭ-އޮފްގައި ވާދަކުރާށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި އަންނަ ހޯމަ ދުވަހު ޖަރުމަނާއި ނެދަލެންޑްސް ބައްދަލުކުރާއިރު، ގްރީސް އަމިއްލަ ދަނޑުގައި ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް