ވޯލްޑްކަޕްގެ ތެރެއިން ގިނަބައެއްގެ ސަމާލުކަން ހޯދި ހުސާމް ހަސަން މިސްރުގެ ގައުމީ ޓީމުގެ ކޯޗުކަމުން ވަކިކޮށްފި
މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީ.އެފް.އޭ) އިން، އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަން އަދި އޭނާގެ ޓެކްނިކަލް ސްޓާފުން މަގާމުން ވަކިކޮށް، ޓީމުގެ އާ ކޯޗަކަށް ސިރާމިކާ ކްލިއޯޕެޓްރާގެ ކޯޗު އަލީ މާހިރު ހަމަޖައްސައިފިއެވެ.
އީ.އެފް.އޭ އިން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެ އިދާރާގެ ބޯޑުން މި ނިންމުން ނިންމާފައިވަނީ ކޮންޓްރެކްޓުގައިވާ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މި ފިޔަވަޅު އަޅަން ނިންމީ ވޭތުވެދިޔަ ދުވަސްތަކުގައި ހިނގައިދިޔަ ކަންތައްތަކާއި ހާލަތްތަކަށް ބެލުމަށްފަހު، އެ ކަންކަމުގެ ސަބަބުން ގައުމީ ޓީމުގެ އަގުވެއްޓި، ޓީމުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ ކަމަށްވެސް އެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.
އީ.އެފް.އޭ ގެ ބަޔާނުގައި ވަކި ކަންތައްތަކެއް ތަފުސީލުކޮށް ބަޔާންކޮށްފައި ނުވި ނަމަވެސް، މި ހަފުތާގެ ކުރީކޮޅު މިސްރުގެ މީޑިއާ ރެގިއުލޭޓަރީ ކައުންސިލުން ވަނީ ހުސާމް ހަސަން އެއްވެސް މީޑިއާއަކުން ދެއްކުންވެސް މަނާކޮށްފައެވެ. އެއީ އޭނާ އާއި ކުރީގެ އަނބިމީހާއާ ދެމެދު އުފެދުނު އާންމު ދެބަސްވުމަކާ ގުޅިގެން، ޒާތީ ދިރިއުޅުމުގެ ހުރުމަތްތެރިކަމާ ބެހޭ އުސޫލުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. އަދި މި މައްސަލައިގައި ހަސަންއާ މެދު އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އެދި ސެޕްޓެމްބަރު މަހު ވެސް އެ ކައުންސިލުން ވަނީ އީ.އެފް.އޭ އަށް ސިޓީއެއް ފޮނުވާފައެވެ.
ހޮނިހިރު ދުވަހުގެ ކުރީކޮޅު އީ.އެފް.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސީނިއާ ޓީމުގެ މަސްލަހަތު އިސްކުރުމާއި ޓީމުގެ ހަމަޖެހުން ގާއިމުކުރުމަކީ އެއްވެސް ދޫދިނުމެއް ނެތް އެންމެ ބޮޑަށް އިސްކަންދޭ ކަންތައް ކަމަށެވެ. އަދި މީޑިއާތަކާއި ސަޕޯޓަރުން ޓީމަށް އެއްބާރުލުން ދިނުމަށް އެ ބަޔާނުގައި އެދިފައިވެއެވެ.
އީ.އެފް.އޭ އިން ވަނީ ހުސާމް ހަސަން ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށް، ކުރިމަގުގައި އޭނާއަށް ކާމިޔާބީއަށް އެދިފައެވެ. އަދި އަލަށް ހަމަޖެއްސި ކޯޗު އަލީ މާހިރުގެ ޓެކްނިކަލް ޓީމު އެކުލަވައިލުމުގެ ޕްލޭން ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ. އުމުރުން 52 އަހަރުގެ މާހިރަކީ ސިރާމިކާ ކްލިއޯޕެޓްރާގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އަދި މީގެ ކުރިން ސްމޫހާ، އެންޕީ، އަލް މަސްރީ އަދި މޮޑަން ސްޕޯޓްސް ފަދަ ކްލަބުތަކަށް ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

ކުޅުންތެރިއެއްގެ ގޮތުގައި މިސްރުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ހުސާމް ހަސަން، މިސްރުގެ ކޯޗުކަމާ ހަވާލުވީ ޕޯޗުގަލްގެ ކޯޗު ރުއީ ވިޓޯރިއާގެ ބަދަލުގައި ފެބުރުއަރީ 2024 ގައެވެ. އޭނާގެ އިރުޝާދުގެ ދަށުން މިސްރު ޓީމު ކުޅުނު 38 މެޗުގެ ތެރެއިން 21 މެޗުން މޮޅުވެ، 10 މެޗު އެއްވަރުވެ، ބަލިވީ ހަތް މެޗުންނެވެ.
ހަސަންގެ އިރުޝާދުގެ ދަށުން މިސްރުން ވަނީ 2025 ވަނަ އަހަރު މޮރޮކޯގައި ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ހަތަރުވަނަ ހޯދާފައެވެ. އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ޓީމު ގެންގޮސްދީފައިވާއިރު، އެ ބުރުގައި މިސްރު ބަލިވީ އާޖެންޓީނާ އަތުން 3-2 އިންނެވެ. އެ މުބާރާތަށްފަހު އީ.އެފް.އޭ އިން ވަނީ 2030 ވަނަ އަހަރާ ހަމައަށް އޭނާގެ ކޮންޓްރެކްޓް އާކޮށްދީފައެވެ.
ނަމަވެސް، އާޖެންޓީނާ މެޗަށްފަހު ފީފާއިން ވަނީ ހުސާމް ހަސަން އަދި އޭނާގެ އެއްމާބަނޑު ކޮއްކޮ، ޓީމު ޑިރެކްޓަރު އިބްރާހީމް ހަސަން ތިން މެޗަށް ސަސްޕެންޑް ކޮށްފައެވެ. މީގެ އިތުރުން، ސެޕްޓެމްބަރު މަހު އަމިއްލަ ދަނޑުގައި އެންގޯލާއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގެ 60 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ބަދަލުކުރުމާ ގުޅިގެންވެސް ހަސަންއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
ވޯލްޑްކަޕުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހަސަން ހޯދީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލައި، ޤަތުލް އާއްމުގެ ވާހަކަތައް ފާޅުގައި ދެއްކުމާގުޅިގެންނެވެ. އޭގެ ސަބަބުން ގިނަ ބައެއްގެ ތައުރީފް އޭނާއަށް ލިބުނެވެ.
މިސްރު ޓީމުން މިހާރު ތައްޔާރުވަމުންދަނީ 2027 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކޮލިފައިންގައި މަލާވީއާ ދެކޮޅަށް ކުޅޭ މެޗުތަކަށެވެ. މި ގޮތުން ނޮވެމްބަރު 9 ގައި ފަރިތަކުރުންތަކުގެ ކޭމްޕް ފެށުމަށް ހަމަޖެހިފައިވާއިރު، ކައިރޯ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅޭ މެޗު އޮންނާނީ ނޮވެމްބަރު 13 ގައެވެ. އަދި މަލާވީގެ ދަނޑުގައި ކުޅޭ މެޗު އޮންނާނީ ނޮވެމްބަރު 17 ގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް