ވަޒީރު ޝިޔާމް
ވަޒީރު ޝިޔާމް

ރައްޔިތުންނަށް އޮޅުވާލުން ނޫންކަމެއް އިދިކޮޅުން ނުކުރޭ: ވަޒީރު ޝިޔާމް

އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރުކުރުމުގެ ބަދަލުގައި، ކުރާހާވެސް ކަމަކީ ރައްޔިތުންނަށް ކަންކަން އޮޅުވާލުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ޤައުމީ ކަމެއް ނަމަ އަބަދުވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށާއި، ނަމަވެސް ރޭ ފެނިގެންދިޔައީ ވާދަވެރި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން 2028 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ލޯންޗުކުރި މަންޒަރު ކަމަށެވެ. އަދި އެއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާ ޒާތުގެ ކަންކަން ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ތައުރީފު ކުރައްވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަކީ ފަސް އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ޤައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަ ވެރިކަމެއް ކުރައްވާ ރައީސްކަން ޔަޤީންވާ ކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ ވެރިކަން ކުރިން ކުރެއްވި ގިނަ ވެރިންނާ ޚިލާފަށް، ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ރާއްޖެއާއި ބޭރު ދުނިޔޭގައި ފާޅުގައި ކެރިގެން އެންމެ ބާރަށް ވަކާލާތު ކުރައްވާ އަދި މާނަވީ ގޮތެއްގައި އެންމެ ބޮޑު އިޙުތިޖާޖެއް ކުރައްވަމުން ގެންދަވާ ވެރިޔަކީ ރައީސް ޑރ. މުޢިއްޒު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން، ރައްޔިތުން އިލްތިޒާމު އުފުލަންޖެހޭ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ކަންކަން މީގެކުރިން ރައްޔިތުން ކައިރީ ނާހައި، އަދި ކުޑަމިނުން ރައްޔިތުންގެ މަޖިލީހަށްވެސް އަންގާނުލައި ކުރައްވައިގެން ތިއްބެވި ބޭފުޅުން މިއަދު ޤައުމާއި މިނިވަންކަމާއި ސިޔާދަތު އަދި ދީނުގެ ވާހަކަ ދެއްކެވިޔަސް ރައްޔިތުންނަށް އެ ބޭފުޅުންގެ ސިޔާސީ ފަތިފުށާއި ނިޔަތް ވަރަށް ސާފުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ބޭފުޅުން ހާސިލްކުރަން ބޭނުންވަނީ ހަމައެކަނި ސިޔާސީ މަޤްޞަދެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ދިވެހިންގެ ދީނާއި، ސިޔާދަތާއި މިނިވަންކަމަށް ކުޑަވެސް ބުރުލެއް ނާރުވައި އެކަންކަން ދިފާޢުކޮށް ހިމާޔަތްކޮށް ދަމަހައްޓާނީ މި ސަރުކާރުން ކަމަށެވެ. އޭގެ އެއް މިސާލެއްގެ ގޮތުން ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ސިޔާދަތީ ދަރަނީގެ 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި، ދަރަނީގެ ދަންތުރައިން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ފިޔަވަޅުތަކާއެކު ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކޮށް، ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުތައް ރާއްޖެއަށް އަމާޒުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަޝްރޫޢުތައް ކިތައްމެ ބިޔަވެފައި އަގު ކިތައްމެ ބޮޑުވިޔަސް މި ސަރުކާރަކީ ދިވެހީންގެ ދީނާ، ސަގާފަތާ، މިޤައުމުގެ ސިޔާދަތާ، މިނިވަންކަމާ، ދިވެހި ޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީއާ ޤާނޫނުތަކަށް އިހުތިރާމް ނުކުރާ ބަޔަކަށް އަދި އިންވެސްޓުމަންޓަކަށްވެސް މަރުޙަބާ ކިޔާނެ ސަރުކާރެއް ނޫން

ވަޒީރު ޝިޔާމް

ވަޒީރު ވިދާޅުވީ ވާދަވެރިން އަބަދުވެސް ބޭނުންވަނީ މި ރާއްޖެ ނާށިގަނޑު ހިފައިގެން އަވައްޓެރިންނާއި ދުނިޔެ ކުރިމަތީ ސަލާންޖަހާ ބައެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ. އެހެންނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި، އަބުރުވެރި އަދި ތަހުޒީބު ދިރިއުޅުމެއް އުޅޭ ބަޔަކަށް ހައްދަވައި، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުން ކަމަށް ވިދާޅުވިއެވެ.

އީގަލް ހިލްސް އިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ރަސްމާލެ މަޝްރޫޢަކީ ދިވެހި ތާރީޚު ޒަމާންތަކަކަށް ދެކޭނެ އެންމެ ބިޔަ މަޝްރޫޢުކަން ފާހަގަކުރައްވަމުން، އެއީ ރާއްޖޭގެ އިޤްތިޞާދީ ނާރެސް ބަދަލުކޮށް ދިވެހިންގެ ދިރިއުޅުމަށް އުޖާލާކަން ގެނެސްދޭނެ އުއްމީދީ މަޝްރޫޢެއް ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް