ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް
ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ ކަމަށް، އިސްލާމީ ކަންތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމު މިހެން ވިދާޅުވެފައިވަނީ، ރިދޯޓެއްގައި އެއް ޖިންސުން ކައިވެންޏެއް ކުރި ވީޑިއޯއެއް ވައިރަލްވި މައްސަލައާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.
މި މައްސަލައާއި ގުޅިގެން ވަޒީރު ޝަހީމު ވިދާޅުވީ، ރާއްޖޭގެ ޤާނޫނު އަސާސީއާއި ކަމާ ގުޅުން ހުރި އެހެނިހެން ޤާނޫނުތަކާ ޚިލާފަށް މިފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެންޏެއް ކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވުމާއި ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިއްޔެ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.
ފުލުހުން ބުނީ، ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވި މި ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އަދި އެއްޖިންސުން ކައިވެނި ކުރުމަކީ ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން ހުއްދަ ކަމަކަށް ނުވާތީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ދިވެހިރާއްޖޭގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށްވާއިރު، މިފަދަ އަމަލުތަކަކީ ދީނީ އަދި ޝަރުއީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަންކަން ކަމުގައި ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު، މިއީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ދިވެހި މުޖުތަމައުގެ އާންމު އިޖުތިމާއީ އަދި އަޚުލާގީ މިންގަނޑުތަކާވެސް މުޅިން ޚިލާފު އަމަލެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ، ރާއްޖޭގައި އެއްވެސް ފަރާތަކުން މިފަދަ ޣައިރުގާނޫނީ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްސަކޮށް، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުންވެސް މިފަދަ ކަންކަން ހިންގިޔަ ނުދިނުމަށާއި، މިފަދަ ކަންކަމަށް ފުރުސަތު ނުދިނުމަށް އެންމެހާ ފަރާތްތަކަށް ވަނީ އަންގާފައެވެ.
ފުލުހުން އިތުރަށް ބުނީ، އިސްލާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް