2022 ވަނަ އަހަރު ލޯންޗެއް ބަންޑުން ޖަހާލައިގެން ގެއްލުނު މިންހާޖުގެ ކަށުނަމާދު މާދަމާ ބާއްވަނީ
އއ. މާޅޮހު ކައިރިއަށް 2022 ވަނަ އަހަރު ބަންޑުން ޖަހާލި ލޯންޗަކުން ގެއްލުނު ސ. ހިތަދޫ، މިންހާ، މުޙައްމަދު މިންހާޖުގެ ޣައިބަށް ކުރާ ކަށުނަމާދު މާދަމާ މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
އުމުރުން 28 އަހަރުގައި ގެއްލުނު މިންހާޖުގެ ޖަނާޒާގެ ކަންކަން ކުރިއަށްދާނީ މާދަމާގެ ހުކުރު ނަމާދަށްފަހު މަސްޖިދުލް މަލިކި ސަލްމާން (ސަލްމާން މިސްކިތް) ގައެވެ. އޭނާގެ ހަށިގަނޑު ފެނިފައިނުވާތީ، ޖަނާޒާގައި އޮންނާނީ ޣައިބަށް ކުރެވޭ ކަށުނަމާދެވެ.
މި ހާދިސާ ހިނގާފައިވަނީ މީގެ ހަތަރު އަހަރު ކުރީން، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅުގައެވެ.
މިންހާޖު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮކްޓޯބަރު 6 ވަނަ ދުވަހުގެ ރޭ 20:50 ހާއިރުއެވެ. އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރި ގޮތުން، އޭގެ ކުރީ ދުވަހުގެ މެންދުރު 13:00 އިން ފެށިގެން އޭނާގެ ޚަބަރެއް ނުވެއެވެ.
އަދި އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރަސްމީކޮށް ލިބުނީ އޮކްޓޯބަރު 7 ވަނަ ދުވަހުއެވެ. އެލޯންޗުން ގެއްލުނު މީހަކީ މިންހާޖު ކަމަށް ފުލުހުން ވަނީ އޭރު ބުނެފައެވެ.
އެ ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ވަނީ އޮކްޓޯބަރު 7 ވަނަ ދުވަހު އއ. ފެރިދޫ ފުއްޓަރާ ދިމާ ކަނޑުމަތިން ފެނިފައެވެ. އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައާއި މާލޭގެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ފަހުން ވަނީ ދޫކޮށްލާފައެވެ.
އަދި ބަންޑުން ޖަހާލި ލޯންޗު ވަނީ އޭގެ ފަހުން ކަފުޖަހައިގެން ހިމަންދޫއަށް ގެންގޮސްފައެވެ.
ގެއްލުނު މިންހާޖު ހޯދުމަށްޓަކައި އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ވަރުގަދަ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގިއެވެ. އެގޮތުން، ހަތަރު ދުވަހުގެ ތެރޭގައި ވައިގެ މަގުން 2000 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 665 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް ބަލައި ފާސްކުރިއެވެ. ނަމަވެސް، މިންހާޖުގެ އެއްވެސް ޚަބަރެއް ވެފައިނުވާތީ، ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ފަހުން ވަނީ ހުއްޓާލާފައެވެ.
މި ހާދިސާ ހިނގި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވި ދުވަސްވަރެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް