ރާއްޖެއާ ފްރާންސުން އެލްއޯއައިއެއްގައި ސޮއިކޮށްފި
ދިވެހި ސަރުކާރާއި ފަރަންސޭސިވިލާތު ސަރުކާރާ ދެމެދު "ލެޓަރ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމެންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި މިއަދު ސޮއިކޮށްފި އެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް އެވެ. އަދި ފަރަންސޭސިވިލާތު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރެމީ ލެމްބާރޓް އެވެ.
މި ލެޓަރ އޮފް އިންޓެންޓް ގައި ސޮއިކުރުމުގެ ސަބަބުން ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެ އެވެ. މީގެއިތުރުން، މި އެއްބަސްވުމުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ރަމްޒުކޮށްދޭ ކަމަށް ޚާރިޖިއްޔާއިން ބުނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ދިވެހިރާއްޖެ އާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކުގައި ދެޤައުމުން ދެކޭ ގޮތް އެއްގޮތްކަން ފާހަގަކުރައްވާފަ އެވެ. އަދި ފަލަސްޠީނާ ބެހޭ ކަންކަމުގައި ފަރަންސޭސިވިލާތުން ކުރާ މަސައްކަތް ބަލައިގަންނަކަން ވަޒީރު އިރުތިޝާމް ފާހަގަކުރައްވާފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް