ތިން މަނީޗޭންޖަރެއް ޖޫރިމަނާކޮށް ލައިސަންސް ބާތިލްކޮށްފި
ބޭރު ފައިސާ ގަނެވިއްކުމުގެ ގަވާއިދާ ޚިލާފުވި ތިން މަނީޗޭންޖަރެއްގެ ހުއްދަ ބާތިލްކޮށް ޖޫރިމަނާ ކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
ލައިސަންސް ބާތިލްކުރީ އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑުގެ ކަމަށް އެ އިދާރާގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ހުއްދަ ބާތިލްކުރުމުގެ އިތުރުން މި ތިން ތަނުން ޖޫރިމަނާ ވެސް ނަގާފައިވެއެވެ. އެގޮތުން އެލް.ވީ.އާރު އިންވެސްޓްމަންޓާއި މޭޑް މަނީ އެކްސްޗޭންޖް ކޮންމެ ތަނެއް 250,000 ރުފިޔާ އިން ޖޫރިމަނާ ކުރިއިރު، މައިޒޯން އެކްސްޗޭންޖް 500,000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވެއެވެ.
ބޭރު ފައިސާ ގަނެވިއްކުމުގައި ބައެއް ފަރާތްތަކުން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުންނުދާކަން މަރުކަޒީ ބޭންކަށް ފާހަގަވެފައިވާއިރު، ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ. މަރުކަޒީ ބޭންކުން ބުނީ ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ކުރިއަށް އޮތް ތަނުގައި ވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް