އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި
އޭޝިޔާ-ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމާއި ގުޅުން ބަދަހިކުރުމަށް އެހީތެރިވުމުގެ ގޮތުން، 20 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ޗައިނާއިން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެވެ.
ރައީސް ޝީ މި އެހީ އިޢުލާނު ކުރެއްވީ ޗައިނާގެ ގުއަންގްޑޮންގް ޕްރޮވިންސްގެ ޝެންޒެންގައި ބޭއްވުނު 33 ވަނަ އޭޝިޔާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ގެ އިސްވެރިންގެ ބައްދަލުވުމުގައި ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، މި ފައިސާއަކީ އޭޕެކްގެ ޢަމަލީ މަސައްކަތްތަކަށާއި އެއްބާރުލުން އިތުރުކުރުމަށް ޗައިނާއިން ވެދޭ އެހީއެއް ކަމަށެވެ. މީގެ އިތުރުންވެސް، ސަރަޙައްދީ ތަރައްޤީއަށް އެއްބާރުލުން ދިނުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމަވާފައެވެ.
އެގޮތުން، ސިޔާސަތުތައް ދިރާސާކުރުމަށާއި، ޚިޔާލު ބަދަލުކުރުމުގެ އިތުރުން ފަންނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި "އޭޝިޔާ-ޕެސިފިކް ކޮމިއުނިޓީ ސްޓަޑީޒް" ގެ ނަމުގައި ޚާއްޞަ މަރުކަޒެއް ޝެންޒެންގައި ޤާއިމުކުރައްވާނެ ކަމަށް ރައީސް ޝީ ވިދާޅުވިއެވެ.
ހަމައެއާއެކު، ޑިޖިޓަލް ޓެކްނޮލޮޖީއާއި، ބޯޑަރު ހުރަސްކޮށް މަޢުލޫމާތާއި ޑޭޓާ ބަދަލުކުރުމާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރާނެ މުއައްސަސާތައް ޤާއިމުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން އޭޝިޔާ-ޕެސިފިކް ސަރަޙައްދުގައި އައު އީޖާދުތަކަށް ބިނާވެފައިވާ އަދި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޗައިނާގެ ރައީސް ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް