މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 7،800 އަށްވުރެ ގިނަ މުދާ އެކްސްޕޯޓްކޮށްފި
ދިވެހިރާއްޖެއާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 7،800 އަށްވުރެ ގިނަ މުދާ އެކްސްޕޯޓްކޮށްފިއެވެ.
މިކަން އެނގިފައިވަނީ، އިކޮނޮމިކް މިނިސްޓްރީއިން އިއްޔެ ނެރުނު ތަފާސްހިސާބުތަކުންނެވެ.
ރާއްޖެއާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖޭގެ ތާރީހުގައި ގާއިމުކުރެވުނު ފުރަތަމަ ބައިލެޓަރަލް ފްރީ ޓްރޭޑް އެގްރީމަންޓެވެ. 2025 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް އަމަލުކުރަން ފަށާފައިވާ މި އެއްބަސްވުމުގެ ސަބަބުން، ދިވެހި އުފެއްދުންތައް ދުނިޔޭގެ އެންމެ ބޮޑު އެއް ބާޒާރު ކަމަށްވާ ޗައިނާއަށް އެކްސްޕޯޓް ކުރުން ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައެވެ.
ހަމައެއާއެކު، މި އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގެ 298 އުފެއްދުމެއް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓު ކުރުމުގެ ފުރުސަތު ދިވެހި އެކްސްޕޯޓަރުންނަށް ލިބެއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އެއްބަސްވުމުގެ ފަށުން ލިބޭ ޓެރިފް ލުއިތަކަކީ ރާއްޖޭގެ އެކްސްޕޯޓް ސިނާއަތް ފުޅާކޮށް، އިގްތިސާދީ ގޮތުން ރާއްޖެ އާ ހަރުފަތަކަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރާއްޖެއާއި ތުރުކީވިލާތާ ދެމެދުވެސް ވަނީ މިފަދަ އެއްބަސްވުމެއް މިއަހަރު ގާއިމްކޮށްފައެވެ. އެގޮތުން، އެ އެއްބަސްވުމަކީ ޕްރިފެރެންޝަލް ޓްރޭޑް އެގްރީމެންޓެކެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ވަނީ މިހާތަނަށް 100 އަށްވުރެ ގިނަ މުދާ ތުރުކީވިލާތަށް އެކްސްޕޯޓްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް