އޭވިއޭޝަން ދާއިރާއާ ގުޅޭ ބައެއް ހިދުމަތްތައް "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ދޭން ފަށަނީ
އޭވިއޭޝަން ދާއިރާއާއި ގުޅުންހުރި ބައެއް ހިދުމަތްތައް "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ދޭން ފަށަން ނިންމައިފިއެވެ.
ޓްރޭޑިއަން އަކީ، ދިވެހިރާއްޖޭގެ ބޯޑަރުގައި ފޯރުކޮށްދޭ އިމްޕޯޓާއި އެކްސްޕޯޓުގެ ހިދުމަތްތައް އަވަސްކުރުމަށް ގާއިމްކޮށްފައިވާ ގައުމީ ސިންގަލް ވިންޑޯ ޕްލެޓްފޯމެކެވެ. އެގޮތުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް މި ހިދުމަތްތައް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން މައުލޫމާތުދެއެވެ.
މި ހިދުމަތްތައް ލައިވްވާ ތާރީހުން ފެށިގެން ވަކި މުއްދަތަކަށް، ކުރިންވެސް ހިދުމަތް ހޯދަމުންދިޔަ އުސޫލުންނާއި އަދި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ވެސް ހިދުމަތަށް އެދުމުގެ ފުރުސަތު އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ ފަރާތްތަކަށް ލިބިގެންދާނެއެވެ. "ޕެރަލަލް ސަބްމިޝަން" ގެ ގޮތުގައި ކުރިއަށްދާ މި މުއްދަތުގެ ބޭނުމަކީ ހިދުމަތް ހޯދާ ފަރާތްތަކަށް އާ ޕްލެޓްފޯމަށް އަހުލުވެރިވުމަށް ވަގުތު ދިނުމާއި، އޮންބޯޑިންގ މަރުހަލާ ފުރިހަމަކޮށް މެދުކެނޑުމެއްނެތި ހިދުމަތް ލިބޭކަން ކަށަވަރުކުރުމެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ޓްރޭޑިއަން މެދުވެރިކޮށް އަލަށް ލިބެން ހުންނާނެ ހިދުމަތްތަކުގެ ތެރޭގައި ޝެޑިއުލްޑް އަދި އެޑްހޮކް ޗާޓަރ ފްލައިޓްތަކުގެ ހުއްދައަށް އެދުމާއި، ފްލައިޓް ޝެޑިއުލް ހުށަހެޅުމާއި، އެއާލައިން އޭޖެންޓުން ކަނޑައެޅުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ޝެޑިއުލްޑް ފްލައިޓްތަކުގެ ލައިސަންސް އައުކުރުމާއި، ބާތިލުކުރުމާއި، ފްލީޓް އަދި ފްލައިޓް ޝެޑިއުލް އަދާހަމަ ކުރުމުގެ ހިދުމަތްތައް ވެސް މި ޕްލެޓްފޯމުން ލިބިގެންދާނެއެވެ.
ޕެރަލަލް ސަބްމިޝަން މުއްދަތު ނިމުމަކަށް އަންނާނެ ރަސްމީ ތާރީހެއް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ މެދުވެރިކޮށް ފަހުން އިއުލާނުކުރާނެއެވެ. އެ ތާރީހަށް ފަހު އޭވިއޭޝަން ދާއިރާގެ މި ހިދުމަތްތައް ހޯދޭނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ކަމަށްވާތީ، ކަނޑައެޅިފައިވާ ސުންގަނޑީގެ ކުރިން ޕްލެޓްފޯމުގައި ރަޖިސްޓްރީވެ، މުވައްޒަފުން އޮންބޯޑު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް