2035 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގެ އެންމެ ބޮޑު ދީނަކަށް އިސްލާމްދީން ވާނެ: ދިރާސާ
2035 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އަދި އެންމެ ގިނަ މީހުން ތަބާވާ ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް އެމެރިކާގެ މަޝްހޫރު ދިރާސާ ކުރާ އިދާރާއެއް ކަމަށްވާ ޕިއު ރިސާޗް ސެންޓަރުން ބުނެފިއެވެ.
މި ބަދަލާއެކު، މިހާރު ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮތް ކްރިސްޓިއަން ދީން ދެވަނައަށް ވެއްޓޭނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.
ޕިއު-ޓެމްޕަލްޓަން ގްލޯބަލް ރިލިޖަސް ފިއުޗާސް ޕްރޮޖެކްޓްގެ ދަށުން ނެރުނު މި ދިރާސާ ރިޕޯޓަކީ 2020 އިން 2070 ވަނަ އަހަރާ ދެމެދު ދުނިޔޭގެ ބޮޑެތި ދީންތަކަށް އަންނާނެ ބަދަލުތައް ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ނަމަވެސް، ޤުދުރަތީ ކާރިސާތަކާއި، ހަނގުރާމަތަކާއި އިޤްތިޞާދީ ހާލަތްތަކުގެ ސަބަބުން މި ލަފާކުރުންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށްވެސް އެ ސެންޓަރުން ފާހަގަކުރެއެވެ.
މުސްލިމުންގެ އާބާދީ މިހާ ހަލުވި މިނެއްގައި އިތުރުވަމުންދާ މައިގަނޑު ސަބަބަކީ ވިހާ ރޭޓް މަތިވުން ކަމަށް ދިރާސާގައި ވެއެވެ. އެގޮތުން މުސްލިމް އަންހެނެއްގެ އެވްރެޖްކޮށް 3.1 ކުދިން ތިބޭއިރު، ދެވަނައަށް އެންމެ މަތީ ރޭޓެއް އޮތް ކްރިސްޓިއަނުންގެ ރޭޓަކީ 2.5 އެވެ. ވިހެއުމާއި މަރުވުމުގެ ނިސްބަތަށް ބަލާއިރު، މުސްލިމުންގެ އާބާދީއަށް 1.6 ބިލިއަން މީހުން އިތުރުވާނެ ކަމަށް ބެލެވެއެވެ. މިއާ ޚިލާފަށް ކްރިސްޓިއަނުންގެ ތެރޭގައި އިތުރުވާނީ 792 މިލިއަން މީހުންނެވެ.
މީގެ އިތުރުން ދީން ދޫކޮށްދާ މީހުންގެ ނިސްބަތަށް ބަލާއިރު، އިސްލާމްދީން ދޫކޮށް ދާ މީހުންނަށްވުރެ ކްރިސްޓިއަން ދީން ދޫކޮށް އެއްވެސް ދީނަކަށް ތަބާނުވާ މީހުންގެ ގޮތުގައި އުޅޭ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން ކްރިސްޓިއަން ދީނުން 105 މިލިއަން މީހުން މަދުވާނެ ކަމަށް ލަފާކުރެވޭއިރު، މުސްލިމުންގެ ތެރެއިން މިފަދަ ބަދަލުތަކުގެ ސަބަބުން މަދުވާނީ ގާތްގަނޑަކަށް 8 މިލިއަން މީހުން ކަމަށް ދިރާސާގައި ލަފާކުރެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުސްލިމް އާބާދީ އެންމެ ބޮޑަށް އިތުރުވާނީ މިހާރުވެސް މުސްލިމުންގެ އަޣުލަބިއްޔަތު އޮތް ޤައުމުތަކުގައެވެ. ޚާއްސަކޮށް 2070 ވަނަ އަހަރާ ހަމައަށް ދާއިރު، ޕާކިސްތާނުގެ މުސްލިމް އާބާދީ 461 މިލިއަނަށް އަރައި، އިންޑޮނޭޝިއާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮތް ޤައުމަކަށް ޕާކިސްތާން ވާނެ ކަމަށްވެސް މި ދިރާސާއިން ދައްކައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް