ޗައިނާއިން އުފެއްދި އިލެކްޓްރިކް ފުރަތަމަ މަތިންދާބޯޓުގެ ޓެސްޓް ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި
ޗައިނާގެ ކޯމެކް ކުންފުނިން އުފެއްދި ޒަމާނީ އިލެކްޓްރިކް މަތިންދާބޯޓު، CE-25A، ޕައިލެޓުންނާއެކު ކުރި ފުރަތަމަ ޓެސްޓު ދަތުރު ކާމިޔާބުކަމާއެކު ނިންމާލައި، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އާ އުސްމިންތަކަކަށް ވާސިލުވެއްޖެއެވެ.
ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްގެ ބިންޒޫގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ މި ތާރީޚީ ދަތުރަކީ، އެ ގައުމުން އަމިއްލައަށް ފަރުމާކޮށް އުފެއްދި ބޯޓެކެވެ. މި ބޯޓަކީ 10 މެޓްރިކް ޓަނުގެ ކާގޯ އުފުލޭއިރު، މިއީ އިލެކްޓްރިކް މަތިންދާބޯޓެއް ވައިގެ ތެރޭގައި ތަޖުރިބާކުރި ފުރަތަމަ ފަހަރެވެ. ކޮމާޝަލް އެއަރކްރާފްޓް ކޯޕަރޭޝަން އޮފް ޗައިނާ (ކޯމެކް) އިން މައުލޫމާތު ދޭ ގޮތުގައި، ދެ ޕައިލެޓުންނާއި ފްލައިޓް ޓެސްޓް އިންޖިނިއަރަކު ބައިވެރިވި މި ދަތުރު ގާތްގަނޑަކަށް 58 މިނެޓަށް ކުރިއަށްދިޔައެވެ. މީގެ ތެރެއިން 16 މިނެޓަށްވުރެ ގިނަ ވަގުތު ބޯޓު އުދުހުނުއިރު، ޖުމްލަ 60.4 ކިލޯމީޓަރުގެ ރާސްތާއެއް މި ޓެސްޓުގައި ވަނީ ކަޑަތުކޮށްފައެވެ.
މި ބޯޓާ ގުޅޭގޮތުން ކޯމެކް އިން ބުނެފައިވަނީ، ޓެސްޓު ދަތުރުގެ ހުރިހާ މަރުހަލާއެއްގައިވެސް ބޯޓުގެ އިންޖީނާއި ނިޒާމުތައް މަސައްކަތްކުރީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި ލިބުނު ނަތީޖާތަކަކީ އުންމީދުކުރި ވަރަށްވުރެވެސް ފުރިހަމަ ނަތީޖާތަކެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

CE-25A މޮޑެލްގެ މި ބޯޓަކީ ޚާއްޞަކޮށް ސިޓީތަކުގެ މެދުގައި ކުރެވޭ ކުރު ރާސްތާގެ ދަތުރުތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ބޯޓެކެވެ. އެއްފަހަރާ 19 ފަސިންޖަރުން އުފުލުމުގެ ގާބިލުކަން ލިބިފައިވާ މި ބޯޓުގެ އެންމެ ބާރު ދުވެއްޔަކީ ގަޑިއަކު 300 ކިލޯމީޓަރެވެ. އަދި 2,400 މީޓަރުގެ އުސްމިނުގައި އުދުހޭ މި ބޯޓު 400 ކިލޯމީޓަރުގެ ދުރުމިނަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެން ވެއެވެ.
ތިމާވެއްޓާ ރައްޓެހި މި ބޯޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭގެ ފިޔަގަނޑުގައި ހަރުކުރެވިފައިވާ 'ޑިސްޓްރިބިއުޓަޑް އިލެކްޓްރިކް ޑަކްޓެޑް-ފޭން' ނިޒާމެވެ. މިއީ ތެލުގެ ބަދަލުގައި މުޅިންވެސް ކަރަންޓުން ހަކަތަ އުފައްދައިދޭ ނިޒާމެކެވެ. މި ކާމިޔާބީއާއެކު، ކުރިމަގުގައި ކޮމާޝަލް ދަތުރުފަތުރުގައި ތިމާވެއްޓަށް ގެއްލުން ކުޑަ، އިލެކްޓްރިކް ބޯޓުތައް ބޭނުންކުރުމުގެ ފުރުސަތު ބޮޑުވެގެންދާނޭކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް