ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން އެމްއެންޔޫގެ ވަފުދަށް ހައިނާންއިން އަގުހުރި ތަޖުރިބާތަކެއް!
ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން ޒަމާނީ ކުރިއެރުންތައް ދެނެގަތުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ވަފުދަކުން ޗައިނާގެ ހައިނާންއަށް ކުރި ރަސްމީ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައި، އަގުހުރި އަމަލީ ތަޖުރިބާތަކެއް ހޯދައިފިއެވެ.
މި ހިނގާ ނޮވެންބަރު މަހުގެ 11 އިން 14 އަށް ކުރިއަށްދިޔަ މި ދަތުރަކީ ހައިނާން ޔުނިވަރސިޓީގެ ސްކޫލް އޮފް މެރިން ބަޔޮލޮޖީ އެންޑް ފިޝަރީޒް އާއި ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެން އިންތިޒާމުކުރި ޕްރޮގްރާމެކެވެ. މި ދަތުރުގައި އެމް.އެން.ޔޫގެ ފަރާތުން ބައިވެރިވެފައިވަނީ 5 މުވައްޒަފުންނާއި 3 ދަރިވަރުން ހިމެނޭ ވަފުދެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ކަނޑުގެ އިލްމު (މެރިން ސައިންސް)، އެކުއަކަލްޗަރ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ދާއިރާއިން ޗައިނާއިން ހޯދާފައިވާ ޒަމާނީ ކުރިއެރުންތައް އަމަލީ ގޮތުން ދެނެގަތުމެވެ.
ހަތަރު ދުވަހުގެ މި ދަތުރުގެ ތެރޭގައި އެމް.އެން.ޔޫގެ ވަފުދުން ވަނީ ވެންޗަންގްގައި ހުންނަ އެކުއަކަލްޗަރ މަސައްކަތްކުރާ ކުންފުނިތަކަށާއި ދަނޑުތަކަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރޭގައި ފެންގްޖިއާވަން އެކުއަކަލްޗަރ ބޭސް ހިމެނޭއިރު، ޒަމާނީ ފެންވަރުގައި އެކުއަކަލްޗަރގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތާއި އެ ސިނާއަތަށް ގެންނަމުންދާ އައު އީޖާދީ ބަދަލުތައް ބައިވެރިން ވަނީ ބަލައިލާފައެވެ. މީގެއިތުރުން، ސަންޔާގެ ވެސްޓް އައިލެންޑަށް ޒިޔާރަތްކޮށް، އެ ރަށުގައި ޤާއިމުކޮށްފައިވާ މުރަކަ އާލާކުރާ ޕްލެޓްފޯމް ބަލައިލުމުގެ އިތުރުން، މުރަކަ އިންދައި ހައްދާނެ ގޮތްތަކާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ވަނީ ހޯދާފައެވެ.
ހައިނާންއަކީ ކަނޑުގެ އަދި ދަނޑުވެރިކަމުގެ ގޮތުން މުއްސަނދި ވަސީލަތްތަކެއް ލިބިފައިވާ ޓްރޮޕިކަލް ރަށަކަށް ވުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ރަށްފަޅުތައް ތަރައްޤީކުރުމާއި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގައި އެ ސަރަހައްދުގެ ތަޖުރިބާގެ އަލީގައި މައުލޫމާތާއި އިލްމު ހިއްސާކުރުމަށް ފަހި ފުރުސަތުތަކެއް ހުރިކަން މި ދަތުރުގެ ސަބަބުން ވަނީ ފާހަގަކުރެވިފައެވެ.
ޢަމަލީ ތަޖުރިބާއާއި، އީޖާދީ ވިސްނުމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ ގުޅުންތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ (އެސް.ޑީ.ޖީ) އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މީގެ ތެރޭގައި:
ފެންވަރު ރަނގަޅު ތައުލީމު (ލަނޑުދަނޑި4)
ސިނާއަތާއި އީޖާދާއި އުމްރާނީ ތަރައްގީ (ލަނޑުދަނޑި9)
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން (ލަނޑުދަނޑި13)
ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކުރުން (ލަނޑުދަނޑި14)
ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ބައިނަލްއަގްވާމީ ގުޅުން ބަދަހިކުރުން (ލަނޑުދަނޑި17)
ބަނޑުހައިހޫނުކަން ނައްތާލުން (ލަނޑުދަނޑި2) ހިމެނެއެވެ.
މި ދަތުރުގެ ސަބަބުން ކަނޑުގެ ދިރާސާތަކާއި، އެކުއަކަލްޗަރ، މުރަކަ އާލާކުރުން އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅިގެން ކުރިމަގުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ މެދު ވަފުދުގެ ވިސްނުން ވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ އިލްމީ ޤާބިލުކަން އިތުރުކުރުމަށް ލިބުނު އަގުހުރި، އައު ޢަމަލީ ތަޖުރިބާއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް