ކުރިއެރުމަށް އޮތް މަގަކީ ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުން: ނަޝީދު
ކުރިއެރުމަށް އޮތް މަގަކީ ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފޮރިން އިންވެސްޓްމަންޓްތައް ކިތަންމެހާވެސް މުހިންމުކަމަށެވެ. އެގޮތުން ޕޯސްޓްގައި ރައީސް ނަޝީދު ވަނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) މުހިންމުވާ ގޮތާއި، އެކަމުގައި ކާމިޔާބު ހޯދާފައިވާ ގައުމުތަކުގެ މިސާލުތައް ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އިސްތިއުމާރީ ޒަމާނަށްފަހު މިނިވަންވި ގިނަ ގައުމުތަކުގެ ތަޖުރިބާއިން ދައްކައިދެނީ، ކުރިއެރުމަށް އޮތް މަގަކީ ބޭރުން އިންވެސްޓްމަންޓްތައް ގެނައުން ކަމަށެވެ.
ނަމަވެސް، ބޭރުގެ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ރޯ މެޓީރިއަލް ނަގައިގެން ބޭރަށް އެކްސްޕޯޓްކުރުމަށް ބޭނުންކުރާ އެއްޗަކަށް ހެދުމުގެ ބަދަލުގައި، އެ ތަކެތި ޤައުމުގައި އުފައްދައި، ޕްރޮސެސްކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭ އެއްޗަކަށް ހެދުމަށް ރައީސް ނަޝީދު ވަނީ ބާރުއަޅުއްވާފައެވެ.
މިކަމުގެ މިސާލެއްގެ ގޮތުން ސިންގަޕޫރާއި ދެކުނު ކޮރެއާ ނަންގަވަމުން އެމަނިކުފާނު ވިދާޅުވީ، އެ ގައުމުތަކުން ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމުގެ ސަބަބުން ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލިގެން ގޮސްފައި ނުވާ ކަމަށެވެ. އަދި އެޔާ ހިލާފަށް އެ ގައުމުތައް ހަލުވި މިނެއްގައި ތަރައްގީވެ، އަމިއްލަ އިގުތިސާދުގެ ބާރު ލިބިގެންދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުުރުން، އެ ގައުމުތަކަށް ލިބިގެންދިޔައީ އަމިއްލަ ސިޔާދަތު ރައްކާތެރިކުރުމުގެ ބާރު އެކަނި ނޫން ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުގައި ގަދަރުވެރި މަގާމެއް ލިބިގެންދިޔަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިމިވަނީ އިދިކޮޅުގެ ގިނަ ފަރާތްތަކުން ސަރުކާރުން އީގަލް ހިލްސާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކަވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، ރައީސް ޔާމީން ދަނީ މި މަޝްރޫއާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ. ނަމަވެސް، ރައީސް ނަޝީދު ދަނީ ތަކުރާރުކޮށް މިއީ ރާއްޖެއަށް ރަނގަޅު މަޝްރޫއެއް ކަމަށް ވިދާޅުވަމުން، މި މަޝްރޫއަށް ތާއިދުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް