ގެއްލިފައިވާ ސިފައިންގެ މީހާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ލޮކާސްއިން ނިންމައިފި
މިދިޔަ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު ސަޕްލައި ދޯނި "ފްރެންޑް ހަތަރެއް" ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް އިސްނަގައިގެން ކުރިއަށް ގެންދަނީ ގދ. ތިނަދޫގައި ކުޅިވަރު މުބާރާތްތަކާއި ޒުވާނުންނާ ގުޅުންހުރި އެކި ހަރަކާތްތައް ހިންގަމުން އަންނަ ލޮކާސް ޖަމިއްޔާއިންނެވެ. އެ ޖަމިއްޔާއިން ނިންމާފައިވަނީ އިބްރާހީމްގެ ހަނދާނުގައި އަދި އޭނާއަށް ދަރުމައާއި ޘަވާބު ލިބުމުގެ މަތިވެރި ނިޔަތުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށެވެ.
ފުޓްސަލް ކުޅުމުގައި ފާހަގަކޮށްލެވޭ މޮޅު ހުނަރެއް ދެއްކި އިބްރާހީމްގެ ހަނދާނުގައި ބިނާކުރާ މި މިސްކިތަކީ 950 އަކަފޫޓުގެ ބިމެއްގައި އަޅާ މިސްކިތެކެވެ. ލޮކާސް ޖަމިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި މި މިސްކިތް އިމާރާތްކުރުމަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ހަރަދުވާނެ އެވެ. އެހެންކަމުން މި މަޝްރޫއަށް އާންމުންގެ އެހީތެރިކަމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ. މީގެއިތުރުން އިބްރާހީމްގެ އާއިލާގެ މެންބަރަކު ވެސް ވަނީ މި މިސްކިތް ބިނާކުރުމަށް ވެދެވެން އޮތް މިންވަރަކުން އެހީތެރިވެދިނުމަށް އެދި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ހިތާމަވެރި މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް ހަތަރެއް" ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު އެ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެންނެވެ. އެ މައުލޫމާތާއެކު ފުލުހުންނާއި ސިފައިން ގުޅިގެން ސަލާމަތީ އޮޕަރޭޝަނެއް ވަގުތުން ފެށިއެވެ. މި އޮޕަރޭޝަންގައި ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ވަނީ ކަނޑުވެފައިވަނިކޮށް ސަލާމަތްކޮށްފައެވެ.
ނަމަވެސް އެ ހާދިސާގައި އެމްއެންޑީއެފްގެ އިބްރާހީމްގެ އިތުރުން، ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫނާއި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު ވަނީ ގެއްލިފައެވެ. އެ ތިން މީހުން ހޯދުމަށް މުޅި ހުވަދޫ ކަނޑު ފުރާ ވަރުގަދަ ބޮޑު ސާޗް އޮޕަރޭޝަނެއް އެމްއެންޑީއެފުން ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށްގެންދިޔައެވެ. އެހެންނަމަވެސް، އެއްވެސް ހަބަރެއް ނުވުމުން އެ އޮޕަރޭޝަން ހުއްޓާލާފައިވާކަން ސިފައިން ހާމަކުރީ ސެޕްޓެންބަރު މަހުގެ 23 ގައެވެ.
ރާއްޖޭގައި މީގެކުރިން ވެސް އެކި ދާއިރާތަކުން ހިދުމަތްކޮށްދީފައިވާ އަދި ހިތާމަވެރި ހާދިސާތަކުގައި ވަކިވެދާ ފާހަގަކޮށްލެވޭ ފަރާތްތަކުގެ ހަނދާނުގައި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫހުގައި ރާއްޖޭން ބޭރުގައި މިސްކިތްތައް އަޅައި ޞަދަޤާތު ޖާރިޔާގެ ގޮތުގައި ހަދިޔާކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް