"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ރ. އިނގުރައިދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ "ވަޑާންވެރިންގެ ރަށް، އުރީދޫ މަސްރޭސް 2026 " ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
މި މުބާރާތާ ގުޅޭގޮތުން "ވޮއިސް" އާ މައުލޫމާތު ހިއްސާކުރައްވަމުން އިނގުރައިދޫ ކައުންސިލްގެ މެންބަރު ޒުހައިރު ޢަބްދުﷲ ވިދާޅުވީ، ކައުންސިލުން އިސްނަގައިގެން ބާއްވާ މި މަސްރޭހަކީ، ރަށުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޮންމެ އަހަރަކުވެސް ކެތްމަދުވެފައިވާ މުހިންމު ހަރަކާތެއް ކަމަށެވެ. މީގެއިތުރުން، އަހަރުން އަހަރަށް މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުވަމުން އައުމަކީ، މި ހަރަކާތަށް ރައްޔިތުންގެ މެދުގައި އޮތް ބޮޑު ތަރުހީބު ރަމްޒުކޮށްދޭ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޒުހައިރު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ މަސްރޭހުގެ އިނާމުތައް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ އުރީދޫ ކަމަށްވާތީ، އެ ކުންފުންޏަށް ކައުންސިލާއި އިނގުރައިދޫގެ ލޮބުވެރި ރައްޔިތުންގެ ނަމުގައި އޭނާ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
"މި މަސްރޭސް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ މަސްވެރިކަމުގެ ރޫހު އާލާކޮށް، ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުން އިތުރަށް ބަދަހިކުރުން،"
މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ނޮވެންބަރު 26 ވާ ބުރާސްފަތި ދުވަހުއެވެ. މިއީ އިނގުރައިދޫގައި ދިރިއުޅޭ 18 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މި މުބާރާތުގެ އެކި ވަނަތަކަށް ހޮވޭ ޓީމުތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅައިފައެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 19 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށެވެ. އެހެންކަމުން، ބައިވެރިވާން އެދޭ ޓީމުތަކުން އެ ވަގުތުގެ ކުރިން ގޫގުލް ފޯމު މެދުވެރިކޮށް ރަޖިސްޓަރީވުމަށް އިނގުރައިދޫ ކައުންސިލުން އެދެއެވެ.
މުބާރާތުގެ ގަވާއިދާއި ރަޖިސްޓްރޭޝަން ފޯމުގެ ލިންކު، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގެ އިތުރުން، އެ ކައުންސިލްގެ ރަސްމީ ވެބްސައިޓް (inguraidhoo.gov.mv) މެދުވެރިކޮށް މިހާރު ލިބެން ހުންނާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް