އެންވިޑިއާގެ ސީއީއޯ ޖެންސަން ހުއާންގް އެ މަޤާމުން އިސްތިޢުފާ ދެއްވައިފި
ޗައިނާގެ ޖާސޫސަކާ ގުޅުން އޮތް ކަމަށް ކުރެވޭ ތުހުމަތުތަކާއި ކުންފުނީގެ އެތެރޭގެ ހިންގުމާ ގުޅޭ ބޮޑެތި މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެންވިޑިއާގެ ސީއީއޯ ޖެންސަން ހުއާންގް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން އެ ކުންފުނީގެ މާކެޓް އަގުން 600 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ވަނީ ގެއްލިފައެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް ބޭނުންވާ އެންމެ ޒަމާނީ ޗިޕް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރީގައި އޮތް މި ކުންފުނީގެ ހިއްސާގެ އަގު ވަނީ އެމެރިކާގެ ހިއްސާގެ ބާޒާރުގައި ގާތްގަނޑަކަށް 10 އިންސައްތަ ދަށަށް ގޮސްފައެވެ. މި ހާލަތާ ގުޅިގެން ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެންވިޑިއާގެ ވަގުތީ ސީއީއޯގެ މަގާމަށް މިހާރު ހަމަޖައްސާފައިވަނީ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ކޮލެޓް ކްރެސް އެވެ. މީގެ އިތުރުން، ކުންފުނީގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ތަޖުރިބާކާރު ވެންޗާ އިންވެސްޓަރު ހާވީ ސީ. ޖޯންސް ވަނީ އައްޔަންކޮށްފައެވެ.
އުމުރުން 63 އަހަރުގެ ހުއާންގްގެ މައްޗަށް ތުހުމަތު ކުރެވޭ ގޮތުގައި، އޭނާ ވަނީ ޗައިނާގެ ޖާސޫސެއް ކަމަށް ބެލެވޭ އެލިސް ހުއާންގް ނަމަކަށް ކިޔާ އަންހެނަކާ ގާތް ގުޅުމެއް ބާއްވާފައެވެ. އެލިސްއަކީ އެންވިޑިއާއާ އެކު ދެކުނު އިރުމަތީ އޭޝިއާގައި މަސައްކަތްކުރާ ސިންގަޕޫރުގެ މެގަސްޕީޑް ކުންފުނީގެ ކުރީގެ އިސް ވެރިއެކެވެ. މެގަސްޕީޑް މެދުވެރިކޮށް ޗައިނާއަށް އެންވިޑިއާގެ އެންމެ ފަހުގެ ޒަމާނީ ޗިޕްތައް ސިއްރިއްޔާތުގައި ފޯރުކޮށްދިނުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތުތަކެއް މިހާރު ވަނީ ފެންމަތިވެފައެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ސީދާ ގުޅުންހުރި މި މައްސަލަ އެ ގައުމުގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި އެމެރިކާގެ ކޮންގްރެސްއިން ވެސް މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
މި ޖާސޫސީ މައްސަލަތަކުގެ އިތުރުން، އެންވިޑިއާގެ އެތެރޭގެ އިސް ވެރިއަކާ އެކު ވެސް ހުއާންގް ނުރަނގަޅު ގުޅުންތަކެއް ބޭއްވި ކަމުގެ ރިޕޯޓުތައް ވަނީ އާންމުވެފައެވެ. މި ހުރިހާ ތުހުމަތުތަކަކާ ގުޅިގެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު، ހުއާންގް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމުން، އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައެވެ.
ޖެންސަން ހުއާންގް އަކީ އެންވިޑިއާ އުފެއްދުމުގައި އިސްކޮށް އުޅުއްވި، އަދި ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި މުއްސަނދި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ކުންފުންޏަށް ލިބުނު ބޮޑު މާލީ ގެއްލުމާއި އަބުރަށް އެރި ލޮޅުމާ ގުޅިގެން، އެންވިޑިއާގެ ހިއްސާދާރުންގެ ފަރާތުން ވެސް ކޯޓުގައި ދައުވާތަކެއް އުފުލުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް