ޓަކާ ޓަކާ ގޮވައިގެން އާންމުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ކަމެއް: ރައީސް ނަޝީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އަޑުއުފުލަމުންދާތީ، އެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދަންނަ އެމްޑީޕީއަކީ ތިމާގެ ވިސްނުން ނޭފަތު ކުރިއަށް ވުރެ ދުރަށް އަދި ރަށު ގޮނޑުދޮށުން ވެސް ދުރަށް، އަތޮޅު ދުނިން ވެސް ބޭރަށް އަދި ރާއްޖޭގެ އިންފާރުން ބޭރަށް ވިސްނުން ގެންދިއުމަށް އުފެދިގެން އައި ޕާޓީއެއް ކަމަށެވެ. އަދި އެއީ މަލްޓިކަލްޗަރަލް އަދި ލިބަރަލް ފިކުރުގެ ޕާޓީއެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ އަބަދުވެސް ދެކޭ ގޮތުގައި ރައްޔިތުން އެދެނީ ތަނަވަސްކަމާއި، ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށެވެ.
ރާއްޖޭގެ ތަނަވަސް ޢާއިލާތަކުގެ ބޭފުޅުން ލަންކާގަޔާއި މާލޭގައި ބިމާއި ގެދޮރު ހުރެ، އަދި ދަރިން ވެސް ބޭރު މީހުންނާ ކައިވެނިކޮށްގެން ބައިތިއްބައިގެން ތިބެ، ޓަކާ ޓަކާ ގޮވައިގެން ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް
މީގެ އިތުރުން ނަޝީދު ސިފަކުރެއްވި ގޮތުގައި މިފަދަ ކަންކަމަކީ ދިވެހިރާއްޖެ އަބަދުވެސް ނިކަމެތިކަންމަތީ ބޭއްވުމަށް ޖަހާ މަޅިއެކެވެ.
ސަރުކާރުން ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އެމްޑީޕީގެ ލީޑަރޝިޕާއި މަޖިލިސް މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ ރާއްޖޭގެ ބިން ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދިނުން ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަމަވެސް، ރައީސް ނަޝީދު ވަނީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ތާއީދުކުރައްވައި، އިންވެސްޓްމަންޓްތަކަށް ހުރަސްނޭޅުމަށް ގޮވާލައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް