އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ދިފާއީ ދާއިރާއަށް
އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ދިފާއީ ދާއިރާއަށް ކަނޑައަޅާފައިވާކަން 2027 ވަނަ އަހަރުގެ ބަޖެޓު ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ބަޖެޓު ޕޯޓަލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެ ދައިރާގެ ހަރަދުތަކުގެ ދެމެދުގައި 2.04 ބިލިއަން ރުފިޔާގެ ބޮޑު ފަރަގެއް އެބަހުއްޓެވެ. އެގޮތުން، ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުން ބޮޑު ބައެއް ދާނީ ހިލޭ ޑިގްރީ ޕްރޮގްރާމާއި، މަތީ ތައުލީމުގެ ލޯނު ސްކީމްތަކާއި، ސްކޮލަރޝިޕްތަކުގެ އިތުރުން ދަރިވަރުންނަށް ދެވޭ އެހެނިހެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، 2027 ވަނަ އަހަރު ދިފާއީ ދާއިރާ (ޑިފެންސް، ޕަބްލިކް އޯޑަރ އެންޑް ސޭފްޓީ) އަށް ޖުމްލަ 8.18 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ގައުމުގެ ބިނާކުރުމާއި އިންސާނީ ވަސީލަތް ތަރައްގީކުރުމާ ގުޅިފައިވާ ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވަނީ 6.14 ބިލިއަން ރުފިޔާއެވެ. މިއީ ދިފާއީ ދާއިރާއަށް ވުރެ ގާތްގަނޑަކަށް 25 އިންސައްތަ މަދު އަދަދެކެވެ.
ތައުލީމީ ދާއިރާއަށް ކަނޑައެޅި 6.14 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން، ސްކޫލްތަކާއި ޔުނިވަރސިޓީތައް ހިންގުމާއި ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.
އަނެއްކޮޅުން، ދިފާއީ ދާއިރާއަށް ކަނޑައަޅާފައިވާ 8.18 ބިލިއަން ރުފިޔާގެ އެންމެ ބޮޑު ބައެއް ހޭދަކުރުމަށް ހަމަޖެހިފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. މީގެ އިތުރުން ތަމްރީނު ޕްރޮގްރާމްތަކުގެ ހަރަދުތަކާއި، އޮފީސްތަކުގެ ރިފްރެޝްމަންޓްސް އަދި ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓަށް ވެސް މި ބަޖެޓުން ބޮޑު ހޭދައެއް ކުރާނެ ކަމަށް ބަޖެޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޖުމްލަ 52.6 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓެއް 2027 ވަނަ އަހަރަށް ފާސްކޮށްފައިވާއިރު، ބަޖެޓުގެ އަމާޒަކީ 2040 ވަނަ އަހަރު ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ތަސައްވުރަށް ވާސިލުވުމަށް ބޭނުންވާ ބިންގާ އެޅުމެވެ. އެހެންނަމަވެސް، ތައުލީމީ ދާއިރާގެ ހިންގުމާއި ދަރިވަރުންގެ ކުރިއެރުމަށް ކުރާ ހޭދައަށް ވުރެ، ދިފާއީ ދާއިރާގެ ހިންގުމުގެ ހަރަދުތައް މިހާ ބޮޑުތަނުން އިތުރުވެފައި އޮތުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް