ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ދައުލަތުގެ އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
ދައުލަތުގެ މަތިވެރި އިއްޒަތުގެ ޝަރަފު އަރުވާފައިވާ ހުރިހާ ބޭފުޅުން، ރަސްމާލޭގެ ބިން ޔޫއޭއީގެ ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރުގެ ކުންފުންޏަށް ކުއްޔަށްދިނުމާ ދެކޮޅުހައްދަވައި އިހުތިޖާޖުކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް ޔާމީންގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ އިއްޒަތް އެރުވިފައިވާ އެންމެހައި ބޭފުޅުން މިވަރުގެ ބޮޑު ހިޔާނާތަކާ ދެކޮޅުކަން ގައުމުގެ ހައްގުގައި ފާޅުކޮށްދެއްވަން ޖެހޭ ކަމަށެވެ.
ރަސްމާލޭގެ ބިމުން ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް މިހާރުގެ ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ރައީސް ޔާމީން ގެންދަވަނީ ސިލްސިލާ ގޮތެއްގައި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މިގޮތުން، މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 251 ވަނަ މާއްދާއާ ހިލާފަށް 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް ދޭން އުޅޭ އުޅުމެއް ކަމަށާއި، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ގާނޫނުތަކަށް ބަދަލު ގެންނަން މަސައްކަތްކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް މީގެ ކުރިން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ކުރިއަށް އޮތް ތަނުގައި މި ސަރުކާރު ނޫން އެހެން ކޮންމެ ސަރުކާރެއް ވެރިކަމަށް އައި ނަމަވެސް، އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލެއް ދިނުމަކާ ނުލައި ބާތިލުކޮށް، އެ ބިން އަނބުރާ ދައުލަތަށް ނަގާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މި މަޝްރޫއުގެ ސަބަބުން ގައުމީ އިސްތިގުލާލަށް ނުރައްކާވެ، އެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހިންގެ ބާރު ގެއްލި، ބޭރުގެ ފަރާތްތަކާއި ޔަހޫދީން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ ވެސް އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންކަމުން، މި މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ ވޯޓެއް ނަގައިފިނަމަ ރައްޔިތުންގެ 95 އިންސައްތައަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން މި މަޝްރޫއު ބަލައިނުގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް