ޖީއެސްޓީ ރަޖިސްޓްރީގެ މިންގަނޑު 1.5 މިލިއަނަށް ބޮޑުކުރާ ބިލު ކޮމިޓީން ފާސްކޮށްފި
ޖީއެސްޓީއަށް ރަޖިސްޓްރީކުރަން ލާޒިމުވާ އާމްދަނީގެ މިންގަނޑު އެއް މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް މަތިކުރުމުގެ އިސްލާހާއެކު ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ރޭ ފާސްކޮށްފިއެވެ.
މިއަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ، އަންނަ ޖެނުއަރީ މަހުންފެށިގެން ޖީއެސްޓީ ރެޖިސްޓަރީކުރާ މިންގަނޑު 1.5 މިލިއަނަށް ބޮޑު ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.
ރޭ ބޭއްވި އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު ވަނީ އެކަން ފާހަގަކުރައްވައި، ޓެކްސްއާބެހޭ ބިލުގައި އެބައިވެސް ހިމަނައިގެން ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.
މި އިސްލާހު ބިލަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރެވެ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުގެ ތާއީދާއެކު ކޮމިޓީ މެންބަރުން އިއްތިފާގުވެ އެ ބަދަލުތައް ފާސްކޮށްފައިވެއެވެ.
އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، 12 މަސް ދުވަހުގެ ތެރޭ ޓެކްސް ނެގޭ ހަރަކާތްތަކުން ލިބޭ ޖުމްލަ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާ ވިޔަފާރިތައް ޖީއެސްޓީއަށް ރަޖިސްޓްރީކުރަން ޖެހޭނެއެވެ. މިހާރު ހިނގާ އެއް މިލިއަން ރުފިޔާގެ އުސޫލު ދެމިއޮންނާނީ މި އަހަރުގެ ނިޔަލަށެވެ.
އޭގެ އިތުރުން، މިހާރު ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ފާއިތުވި 12 މަހު ނުވަތަ ކުރިއަށް އޮތް 12 މަހު މުދަލާއި ޚިދުމަތުގެ އަގު 750,000 ރުފިޔާއަށް ވުރެ ދަށްވާނަމަ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅޭ ގޮތަށް ވެސް ބިލުގައި ހިމެނިފައިވެއެވެ.
ކޮމިޓީން ގެނައި ހުރިހާ އިސްލާހަކާއެކު މުޅި ބިލު ފާސްކުރަން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވުމުން އެކަމަށް މެންބަރު ނިޒާރު ވަނީ ތާޢީދުކުރައްވާފައެވެ. އެއާއެކު ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާގުން ބިލު ފާސްކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް