ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރު 13:30 ގެ ނިޔަލަށެވެ.
މެޓުން ބުނީ، މި ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރަމުންދާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ހިމަންދޫއަށެވެ. އެއީ 93.5 މިލިމީޓަރުގެ ވާރޭއެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ގދ. ތިނަދުއަށް 69.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ކާޑެއްދޫ އެއާޕޯޓަށް ވަނީ 67.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މޫސުން ރަނގަޅުވާން ފަށާނީ މި ހަފްތާގެ ބުދަދުވަހުން ފެށިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް