ބަޖެޓް ދިރާސާކޮށް ނިންމަން ދެ ހަފްތާގެ މުއްދަތެއް
ކުރިއަށް އޮތް އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ބަޖެޓު ދިރާސާ ކޮމިޓީގެ ބައްދަލުވުމުގައި އެކުލަވައިލި ތާވަލާ އެއްގޮތަށް ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުއެވެ. ނަމަވެސް، ގާނޫނުން ލާޒިމުކުރާ ގޮތުގެ މަތިން ބަޖެޓަށް ލަފާ ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އޮޑިޓާ ޖެނެރަލްގެ އޮފީހާ ބައްދަލުކުރާނެ ވަކި ތާރީޚެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިނިވަން މުއައްސަސާތަކަކާ ބައްދަލުނުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ފުރަތަމަ ހުށަހެޅުއްވީ މިނިވަން މުއައްސަސާތަކުގެ ކަންބޮޑުވުންތައް ހަމައެކަނި ލިޔުމުން ހޯދުމަށެވެ. އެހެންނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުން އެކަމާ ދެކޮޅުހައްދަވައި، ބައްދަލުވުން ބޭނުންވާ ހުރިހާ މުއައްސަސާތަކަށް އެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވަކާލާތު ކުރެއްވުމުން، ފަހުން ޕީއެންސީގެ މެންބަރުން ވެސް ވަނީ އެ ގޮތަށް އެއްބަސްވެ، ބޭނުންވާ މުއައްސަސާތަކަށް ފުރުސަތު ދިނުމަށް ފާސްކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި ހިނގާ އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. ޖުމްލަ ބަޖެޓު މިގޮތަށް ދަށްވެފައިވަނީ އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އަދަދު 4.5 ބިލިއަން ރުފިޔާއަށް މަދުވުމާ ގުޅިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް