މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމާ ގުޅޭ ބައިނަލްއަޤްވާމީ ދިރާސާއެއްގައި އެމް.އެން.ޔޫއިން ބައިވެރިވެއްޖެ
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ނުރައްކާތަކުން ޤައުމު ރައްކާތެރިކުރުމަށް ބޭނުންވާ މާއްދީ ވަސީލަތްތަކުގެ މިންވަރު ބަޔާންކޮށްދޭ މުހިންމު ބައިނަލްއަޤްވާމީ ދިރާސާއެއްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ބައިވެރިވެއްޖެއެވެ.
ނޭޗަރ ޕޯޓްފޯލިއޯގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ 'ސައިންޓިފިކް ރިޕޯޓްސް' ގައި ޝާއިޢުކޮށްފައިވާ "މެޓީރިއަލް ރިކުއަޔަރމެންޓްސް ފޯ އެޑެޕްޓިންގ ޓު ކްލައިމެޓް ޗޭންޖް އިން ދަ މޯލްޑިވްސް" މި ދިރާސާއަކީ، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކާތެރިވުމަށްޓަކައި ބޭނުންވާ މާއްދީ ވަސީލަތްތައް ރާއްޖޭގެ ފެންވަރުގައި އަންދާޒާކޮށްފައިވާ ފުރަތަމަ ދިރާސާއެވެ. ކެނެޑާގެ ޔުނިވަރސިޓީ އޮފް ވޯޓަރލޫގެ ޕްރޮފެސަރު ސިމްރޮން ސިންގް އިސްވެ ހުންނަވައި ކުރިއަށް ގެންދެވި މި ދިރާސާގައި، ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ޔުނިވަރސިޓީތަކަކާއެކު އެމް.އެން.ޔޫގެ ސައިންސްވެރިންވެސް ބައިވެރިވެފައިވެއެވެ.
ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ކަނޑުގެ ލޮނުގަނޑު އުފުލޭ ކޮންމެ ސެންޓިމީޓަރަކަށް ބިން ހިއްކުމަށް 2.1 މިލިއަން ޓަނުގެ ވެއްޔާއި، ގޮނޑުދޮށް ހިމާޔަތްކުރުމަށް 22,200 ޓަނުގެ އިމާރާތްކުރުމުގެ ސާމާނު ބޭނުންވާނެކަން ވަނީ ހާމަވެފައެވެ. މިއީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން މޫސުމީ ބަދަލުތަކަށް ހޭނުމުގެ ޕްލޭންތައް ރޭވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ހޯދުންތަކެކެވެ.
މި ދިރާސާއާ ގުޅޭގޮތުން އެމް.އެން.ޔޫގެ ސީނިއަރ ރިސާޗް ފެލޯ ޑރ. ޝަޒްލާ މުޙައްމަދު ވިދާޅުވީ، ބޭނުންވާ ވަސީލަތްތަކުގެ މިންވަރު ދެނެގަނެވުމުން، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ބައްޓަންކުރުމަށް މަގުފަހިވާނެ ކަމަށެވެ.
ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހާއި ކެނެޑާގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ރިސާޗް ސެންޓަރުގެ އެހީތެރިކަމާއެކު ހިންގާ 'ކްލެއަރ' ޕްރޮގްރާމްގެ ދަށުން 'ރިކަވަރ' ނަމަކަށް ކިޔާ މަޝްރޫއެއްގެ ތެރެއިންނެވެ.
މި ދިރާސާގައި ޖީ.އައި.އެސް އަދި ސިނާރިއޯ މޮޑެލްތައް ބޭނުންކޮށްގެން، 2000 ވަނަ އަހަރުން ފެށިގެން 2100 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ތޮށިލުމާއި، ބިން ހިއްކުމާއި، ރަށްތައް އުސްކުރުން ފަދަ އިންޖިނިއަރިންގ މަސައްކަތްތަކަށް ބޭނުންވާނެ މާއްދީ ތަކެތީގެ މިންވަރު ވަނީ ވަރަށް ތަފްޞީލުކޮށް އަންދާޒާކޮށްފައެވެ.
މި ހޯދުންތަކުން ސާފުކޮށް އެނގިގެންދަނީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަކީ ހަމައެކަނި ރައްކާތެރިކަމުގެ އޮނިގަނޑުތައް ބިނާކުރުން ނޫން ކަމާއި، އެ ތަންތަން ދިގު މުއްދަތަކަށް މަރާމާތުކޮށް ބެލެހެއްޓުމަށް ބޮޑެތި މާލީ އަދި ފަންނީ ވަސީލަތްތަކެއް ކޮންމެހެން ބޭނުންވާ ކަމެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކަށް ހޭނުމަށް ނިންމާ ނިންމުންތަކުގައި އިޤްތިޞާދީ، ތިމާވެށީގެ އަދި ވަސީލަތްތަކުގެ އަސަރުތަކަށް ރިޢާޔަތްކުރުމުގެ މުހިންމުކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ރާއްޖެ ފަދަ ޤައުމުތަކުގެ ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ޤައުމީ ފެންވަރުގައި މަޝްވަރާތައް ފުޅާކުރުމާއި، ބައިނަލްއަޤްވާމީ މޫސުމީ މާލީ އެހީތެރިކަން އިތުރުކުރުމުގެ އިތުރުން ފަންނީ މަޢުލޫމާތު ބަދަލުކުރުން އަވަސްކުރަންޖެހޭ ކަމަށްވެސް މި ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް