ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ
ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ވާދަވެރި ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ޑާކާގައި ކުޅުނު މިމެޗް ޕާކިސްތާނުގެ މައްޗަށް އިންޑިއާ ކުރި ހޯދީ 3-2 ގެ ނަތީޖާއިންނެވެ.
މެޗުގެ ކުރީކޮޅު އިންޑިއާއިން ވަނީ މޮޅު ކުޅުމެއް ދައްކައި، ފުރަތަމަ ވިހި މިނެޓުގެ ތެރޭގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ދެ ލަނޑުވެސް އެ ގައުމަށް ކާމިޔާބުކޮށްދިނީ ހުނަރުވެރި ޒުވާން ފޯވާޑް ސުހައިލް އަހުމަދު ބަޓްއެވެ. އިންޑިއާގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ޖަހައިދިނީ މަންގްލެންތަންގް ކިޕްޖެންއެވެ. މިއާއެކު، އިންޑިއާގެ ދެވަނަ ޓީމަކުން މެޗު ކޮންޓްރޯލްކޮށް، ޕާކިސްތާނަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވިއެވެ.
ޕާކިސްތާނަށް މެޗުގެ ތެރެއަށް އެނބުރި އައުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެ ގައުމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނަޖީބުﷲ އާއި ކެޕްޓަން އާލަމްގީރު ގާޒީ ޖެހި ލަނޑުތަކުން ފަރަގު ކުޑަކުރި ނަމަވެސް، މެޗުން މޮޅުވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުބެފައެވެ.
ދުނިޔޭގެ އެކި ލީގުތައް ކުރިއަށްދާތީ ދެ ގައުމުންވެސް ނިކުތީ އެންމެ ވަރުގަދަ ކުޅުންތެރިން ނުހިމަނައެވެ. އިންޑިއާގެ މުހިންމު ކުޅުންތެރިން އައި.އެސް.އެލް ގައި ކުޅެމުންދާއިރު، ޕާކިސްތާނުގެ ޔޫރަޕްގައި ކުޅޭ ކުޅުންތެރިންނަށްވެސް ޓީމާ ގުޅެވޭނީ އަންނަ މަހުގެ ތެރޭގައެވެ.
މި ނަތީޖާއާއެކު، މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ދެމެހެއްޓުމަށްޓަކައި އަންނަ އާދީއްތަ ދުވަހު ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް