މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.
އިންތިޚާބުތަކުގައި މަކަރުހަދާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަނުން ބާއްވާ މި އެއްވުމުގެ ސަބަބުން، ވިޔަފާރިތަކަށް ގެއްލުންވެދާނެ ކަމަށް ބުނެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާއަކުން ވަނީ އެއްވުން ފަސްކުރުމަށް އެދިފައެވެ.
މިކަމާ ގުޅިގެން ކާރެއްގެ ތެރޭގައި އިންނަވައިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހިއްސާކުރެއްވި ކުރު ވީޑިއޯއެއްގައި ރާހުލް ގާންދީ ވަނީ، އެއްވުމުގައި ބައިވެރިވުމަށް ދިއްލީއަށް އަންނަ އެތައް ލައްކަ ރައްޔިތުންނަށް، މުޒާހަރާ ނިންމުމަށްފަހު އެ ސަރަހައްދުގެ ފިހާރަތަކުން ވިޔަފާރި ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
"މާދަމާ މުޒާހަރާކޮށް، ހިނގާލުމުގައި ބައިވެރިވެ، ޖަލްސާގައި ބައިވެރިވުމުގެ އިތުރުން ކުޑަކޮށް ވިޔަފާރިވެސް ކޮށްލާ. އޭރުން އަޅުގަނޑުމެންގެ ސަރަހައްދީ ވިޔަފާރިވެރިންނަށް އެހީތެރިވެދެވޭނެ،" ރާހުލް ވިދާޅުވިއެވެ.
އަދި މި އެއްވުމުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށާއި، ބީޖޭޕީން ބިރުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ރާހުލް މިހެން ވިދާޅުވެފައި މިވަނީ، ޗެމްބަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީ (ސީޓީއައި) އިން، މައި އިދިކޮޅު ޕާޓީ ކޮންގްރެސްއަށް މި އެއްވުން ފަސްކުރުމަށް ބާރުއެޅުމަށް އެދި އިދިކޮޅު ކޯލިޝަންގެ އެހެން ލީޑަރުން ކަމަށްވާ އަޚިލޭޝް ޔާދަވް، މަަމަތާ ބެނަރޖީ، ތޭޖަޝްވީ ޔާދަވް އަދި އުއްދަވް ތާކްރޭ އަށް ސިޓީ ފޮނުވާފައި ވަނިކޮށެވެ.
ސީޓީއައިގެ ޗެއާމަން ބްރިޖޭޝް ގޯޔަލް ވިދާޅުވި ގޮތުގައި، އެ ޖަމްޢިއްޔާއިން ރާހުލް ގާންދީއާ ތިން ފަހަރެއްގެ މަތިން ބައްދަލުކޮށް ތާރީޚު ބަދަލުކުރުމަށް އެދުނު ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ. އޭނާ ވިދާޅުވީ، ކޮނޯޓް ޕްލޭސް އާއި ޗާންދްނީ ޗައުކް ހިމެނޭހެން މެދުތެރޭ އަދި ދުވަސްވީ ދިއްލީގެ 20 ބޮޑު މާރުކޭޓަކުން ދުވާލަކު 10،000 އިން 12،000 ކްރޯޑް ރުޕީސްގެ ވިޔަފާރި ހިނގާއިރު، 10 ލައްކައެއްހާ މީހުންނާއި 20،000 އެއްހާ އުޅަނދު އެއްވާ މި އެއްވުމުގެ ސަބަބުން މުޅި ވިޔަފާރި ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ނޮވެމްބަރު 1 އަކީ ވިޔަފާރި އެންމެ ހިންގާ ދުވަދް ވަރަށް މުދާ އެއްކުރުމަށް ވިޔަފާރިވެރިންނަށް އެންމެ މުހިންމު އެއް ދުވަސް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ޖަމްޢިއްޔާއަކީ އެއްވުމާ ދެކޮޅު ބައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން މިހާރު ވަނީ ވަކި ޝަރުތުތަކަކާ އެކު މި އެއްވުން ބޭއްވުމުގެ ހުއްދަ ދީފައެވެ. އަދި އުޅަނދުފަހަރު ޕާކުކުރަން ޖެހޭނީ ހަމައެކަނި ކަނޑައެޅިފައިވާ ޚާއްސަ ތަންތަނުގައި ކަމަށް އިންތިޒާމުކުރާ ފަރާތްތަކަށް ވަނީ އަންގާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް